9/11 ހަމަލާގައި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ދިގުދެމިގެން އަންނަތާ 20 އަހަރު!

9/11 ޓެރަރިސްޓު ހަމަލާގެ ބައިވެރިންގެ ޝަރީއަތް ރަމްޒުކޮށްދޭ ކުރެހުމެއް --

ދެހާސް އެއްވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެގާރަވަނަ ދުވަހު އެމެރިކާއަށް ދިން 9/11 ޓެރަރިސްޓު ހަމަލާގެ ބައިވެރިންގެ ޝަރީއަތް މިއަދާ ހަމައަށް ދިގުދެމިގެން އަންނަތާ 20 އަހަރު ދުވަސް ވެއްޖެއެވެ.

އެގޮތުން މި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހާލިދް ޝެއިހް މުހައްމަދާއި އިތުރު ހަތުރު މީހެއްގެ ޝަރީއަތް އެމެރިކާގެ ޑިޓެންޝަން ކޭމްޕެއްކަމަށްވާ ގުއަންޓަނާމޯ ބޭގެ މިލިޓަރީ ކޯޓެއްގައި އަންނަނީ ހިނގަމުންނެވެ. އެގޮތުން ކޮވިޑް-19 ގެ ފެތުރެން ފެށިފަހުން އެންމެ ފުރަތަމަ ފަހަރަށް އެމީހުން ކޯޓަށް ހާޒިރުކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ.

9/11 ޓެރަރިސްޓު ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހާލިދް ޝެއިހް މުހައްމަދު --

އޭގެތެރޭގައި ހާލިދް ޝެއިހް މުހައްމަދު ހިމެނޭހެން ހަމަލާ ރާވައި ހިންގުމުގެ ހަތަރު ބައިވެރިންކަމަށްވާ މުސްތަފާ އަހްމަދު އަލް ހަވާސަވީއާއި، ރަމްޒީ ބިން އަލް ޝިބްހާއި، ވާލިދް ބިން އަތާޝް، އަދި އަބްދުލް އަޒީޒް އަލީއަށް ވަނީ މިލިޓަރީ ޓްރައިބިއުނަލަކުން މަރުގެ ހުކުމް އިއްވާފައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އަދިވެސް އެމީހުންގެ މައްޗަށް އެ އަދަބު ތަންފީޒުނުކުރެވި މިހާރު މިވަނީ 20 އަހަރުގެ މުއްދަތަކަށް ދިގުލައިގެން ގޮސްފައެވެ.

މި ފަސް މީހުންގެ ޝަރީއަތަށް އާ އަސްކަރީ ފަނޑިޔާރެއް މިހާރު ހަމަޖައްސައިފައިވީ ނަމަވެސް އަދިވެސް މި ފަސް މީހުންގެ ޝަރީއަތަށް އަވަސްކަމެއް އަންނާނެކަމަށް ބެލެވިފައެއް ނުވެއެވެ.

އެގޮތުން އަންނަ އަހަރު މި މީހުންގެ ޝަރީއަތް އަލުން ފެށޭނެކަމަށް ބެލެވުނުކަމުގައިވީ ހަމަލާގެ ބައިވެރިންގެ ދިފާއީ ވަކީލުން ތައްޔާރުވުމަށް އިތުރު ވަގުތު ހޭދަވާނެތީ ޝަރީއަތް ފެށޭނެ ވަކި ތާރީހެއް އަދިވެސް ނޭނގެއެވެ.

9/11 ޓެރަރިސްޓު ހަމަލާގެ ބައިވެރިންގެ ޝަރީއަތް ރަމްޒުކޮށްދޭ ކުރެހުމެއް --

އެއާއެކު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުންނާއި ހަމަލާގެ ޝިކާރައަކަށްވީ ފަރާތްތަކުގެ އާއިލާތަކުން އަންނަނީ ކަންބޮޑުން ފާޅުކުރަމުންނެވެ.

"ގިނަ އާއިލާތަކުން އަދިވެސް ތިބީ އިންސާފުގެ އުންމީދުގައި. މިހާ ދުވަސްވާއިރު ވެސް އަދިވެސް އިންސާފަށް އުންމީދުކޮށްގެން އެ އާއިލާތަކުން އެ ތިބެނީ އަސްކަރީ ކޮމިޝަނާއި، ގުއަންޓަނާމޯ ޑިޓެންޝަން ސެންޓަރުގައި އެތައް ގޮތަކުން މިއަދު މިކަމުގައި ފަސްޖެހި އެކަމުގެ ގާބިލުކަން ނެތި އިންސާފުގެ އެއްވެސް މިންވަރެއް ފޯރުކޮށްދެވެން ނެތީމަ،" ވޮޝިންޓަންގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ ޑިރެކްޓަރު އެންޑްރިއާ ޕްރެސޯ ވިދާޅުވިއެވެ.

އަލްގައިދާ ޖަމާއަތުން ރާވައި، އިސްވެ، ދިން 9/11 ހަމަލާއަކީ މިހާތަނަށް މުޅި ދުނިޔޭގައި ފަހުގެ ތާރީހެއްގައި ވެސް ދިން އެންމެ ނުރައްކާތެރި އެންމެ ބޮޑު ހަމަލާއެވެ. އަދި އަލްގައިދާ ޖަމާއަތުން ރާވައި، އިސްވެ، އެމެރިކާއަށް ދިން އެންމެ ބޮޑު ޓެރަރިސްޓު ހަމަލާއެވެ.

9/11 ޓެރަރިސްޓު ހަމަލާ ދިން ބައެއް ތަންތަން ރަމްޒުކޮށްދޭ އިންފޯގްރަފިކްސްއެއް -- ފޮޓޯ/ ނިއުޔޯކް ޓައިމްސް

މި ހަމަލާ ދިނީ އެމެރިކާއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ހަތަރު ފްލައިޓެއް ހައިޖެކް ކުރުމަށްފަހު އެ ފްލައިޓުތައް އެ މީހުން ގޮއްވާލުމަށް އަމާޒުކޮށްފައިވާ ބޮޑެތި އިމާރަތްތަކުގައި ޖައްސާ ގޮއްވައިލައިގެންނެވެ.

މި ހަމަލާގައި 2،976 މީހުން މަރުވެފައިވާއިރު 25،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްވަނީ ލިބިފައެވެ. އޭގެތެރޭގައި މުޅި އުމުރަށް އެކަމުގެ ވޭން ތަހައްމަލު ކުރަންޖެހޭ ފަދަ ބޮޑެތި ޖިސްމާނީ ގެއްލުން ލިބުނު އެތައް ބަޔަކުވެސް ހިމެނެއެވެ.

އެގޮތުން އެ ދުވަހު ހެނދުނު 8:46 ހާއިރު އެންމެ ފުރަތަމަ ޓުވިން ޓަވަރުގެ ދެ ޓަވަރުގެ ތެރެއިން އުތުރަށް ހުރި ޓަވަރުގައި މަތިންދާ ބޯޓެއް ޖައްސާ ގޮއްވާލިއެވެ. އެންމެ ފުރަތަމަ ޓަވަރުގައި ގޮއްވާލީ އެމެރިކަން އެއާލައިންސް ގެ ފްލައިޓް-11 އެެވެ.

9/11 ޓެރަރިސްޓު ހަމަލާގައި ޓުވިންޓަވަރުގެ ދެ ޓަވަރުގެ ތެރެއިން ދެކުނަށް ހުރި ޓަވަރުގައި ބޯޓު ޖައްސާ ގޮއްވާލުމުގެ ކުޑަ އިރުކޮޅެއް ކުރިން --

އޭގެ ވަގުތުކޮޅެއް ފަހުން ހެނދުނު 9:03 ހާއިރު ޓުވިން ޓަވަރުގެ ދެ ޓަވަރުގެ ތެރެއިން ދެކުނަށް ހުރި ދެވަނަ ޓަވަރުގައި ވެސް މަތިންދާ ބޯޓެއް ޖައްސާ ގޮއްވާލިއެވެ. އެގޮތުން މިފަހަރު ގޮއްވާލީ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް-175 ކެވެ.

އެއާއެކު ގަޑިއިރެއްގެ ތެރޭ 110 ފަންގިފިލާގެ މި ދެ ޓަވަރުގެ އެއްކޮށް ބިމާ ހަމަވެގެން ދިޔައެވެ. އަދި ޓްރޭޑް ސެންޓަރުގައި ހިމެނޭ އިތުރު އިމާރަތްތަަކަށް ވެސް ގިނަ ގެއްލުންތަކެއް ލިބިގެންދިޔައެވެ.

އެއާއެކު ހަމަ އެދުވަހުގެ ހެނދުނު 9:37 ހާއިރު އެމެރިކާ އަސްކަރިއްޔާގެ މައި މަރުކަޒު ޕެންޓަގަންގައި ވެސް މަތިންދާ ބޯޓެއް ޖައްސާ ގޮއްވާލިއެވެ. ޕެންޓަގަންގައި ޖައްސާ ގޮއްވާލީ އެމެރިކަން އެއާލައިންސްގެ ފްލައިޓް-77 ކެވެ.

9/11 ޓެރަރިސްޓު ހަމަލާގައި ޓުވިން ޓަވަރު ގޮއްވާލައިފައި --

ހަތަރުވަނައަށް ހައިޖެކްކޮށް ގޮއްވާލީ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް-93 ކެވެ. މި ބޯޓުގެ މިސްރާބު ހުރީ އެމެރިކާގެ ވޮޝިންޓަން ޑީސީއަަށެވެ.

މި ބޯޓު ހައިޖެކް ކުރިކަމުގައިވީ ނަމަވެސް ބޯޓުގެ ފަސިންޖަރުން ބޯޓުގެ ކޮންޓްރޯލް ހޯދުމަށް ކުރި މަސައްކަތުގެ ސަބަބުން އެމީހުން މި ބޯޓު ގޮއްވާލަން އަމާޒުކޮށްފައިވާ ތަނުގައި ގޮއްވާލެވޭ ގޮތް ވަނީ ނުވެފައެވެ.

އެގޮތުން މި ބޯޓު ގޮއްވާލުމަށް ނިންމާފައިވަނީ އެމެރިކާގެ މަޖިލިސް ހިންގާ ގެ ކަމަަށްވާ ކެޕިޓޯލް ނުވަތަ ރައީސްގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސަށްކަމުގައި ވީނަމަވެސް މި ބޯޓު ގޮއްވާލެވިފައިވަނީ ޕެންސްލަވޭނިއާގެ ޝެންކްސްވިލްގެ ސަރަހައްދަކަށެވެ.

މި ހަމަލާ ދިނުމާއެކު އެންމެ ފުރަތަމަ ވެސް ހަމާލާދިން ބައެއްގެ ގޮތުގައި ތުހުމަތުގެ އިނގިލި ދިއްކުރެވިފައިވަނީ އަލްގައިދާއަށެވެ.

comment ކޮމެންޓް