ރައީސް ސޯލިހު ކުރި އަނިޔާއެއް ފެންނާކަށް ނެތް، ނުވެސް ދެއްކޭނެ: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ---- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތަކަށް ކުރި އަނިޔާއެއް ފެންނަން ނެތް ކަމަށާއި އެފަދަ އަނިޔާއެއް ކޮށްފައިވާތަން ނުވެސް ދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ނުަހައްގުން ކުރާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިއްޔެ މުޒާހަރާކޮށްފައިވާއިރު، މި ސަރުކާރުން ކުރި އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ އެ އިޖުތިޖާޖުގައި ބައިވެރިވެވަޑައިގެންފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން މެންބަރު ޝިފާއު ވިދާޅުވީ ރައީސް ސޯލިހަކީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރި އެންމެ އޯގާތެރި ރައީސް ކަމަށާއި އެމަނިކުފާނު އެއްވެސް ދިވެހި ރައްޔިތަކަށް އަނިޔާކޮށްފައިނުވާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާކަށް ކޮން އަނިޔާއެއް ދީގެންބާވައޭ؟ މިހާތަނަށް ރާއްޖޭގަ ވެރިކަން ކުރި ވެރިންގެ ތެރެއިން މަޑުމައިތިރި، ހިކުމަތްތެރިކަމާއެކު އެއްވެސް ރައްޔިތަކަށް އަނިޔާނުކޮށް، ގެއްލުމެއް ނުދީ ވެރިކަންކުރާ ވެރިއެއް ގޮތަށް ރައީސް އިބްރާހިމް ސޯލިހު ބަލައިގަނޭ ހަމަގައިމުވެސް. ގަބޫލުކުރޭ،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ރައީސް ސޯލިހު ރައްޔިތަކަށް ކުރި އަނިޔާއެއް ފެންނަން ނެތްއިރު، އަނިޔާކުރާ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ ގޮތުން މަންފާތަކެއް ހާސިލްކުރުމަށް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތަކަށް ކުރި އަނިޔާއެއް މިހާތަނަކަށް ފެންނާކަށް ނެތް. އަދި ނެތް އެއްޗެއް ނުވެސް ދެއްކޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެ ބޭފުޅުން އެ ވާހަކަ އެ ދައްކަނީ ސިޔާސީ ގޮތުން އެ ބޭފުޅުންގެ ސަޕޯޓަރުން ކޮންމެވެސް ވަރަކަށް ހިތްހަަމަ ޖައްސާލުމުގެ ބޭނުމުގައި،" ޝިފާއު ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވި އެންމެ ދަތި ދަނޑިވަޅުގައި، ގައުމުގެ ހާލަތު ވަރަށް ރަނގަޅަށް ބައްލަވައި، ރާއްޖެއަކީ ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ގައުމަކަށް ހައްދަވައިދެއްވަން ރައީސް ސޯލިހު ކުރެއްވި މަސައްކަތަށް ޝިފާއު ވަނީ ތައުރީފް ކުރައްވާފައެވެ. އެގޮތުން އެއީ އެމަނިކުފާނުގެ ހިކުމަތްތެރިކަމުގެ ސަބަބުންނާއި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝިފާއު ވަނީ ރާއްޖޭގެ ތާރީހުގައި ފާއިތުވީ 50 އަހަރު ނުފެންނަ ފަދަ ތަރައްގީ ރައީސް ސޯލިހުގެ ޒައާމަތުގައި މިހާތަނަށް ގެންނަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ތަރައްގީގެ ގިނަ މަސައްކަތްތަކާ ގުޅިގެން ރައްޔިތުން އަދިވެސް ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ބޭނުންވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

"އެ ހުރިހާ ކަމަކަށް ބަލާފަ ދިވެހި ރައްޔިތުން ވަރަށް ބޭނުން މި ސަރުކާރު. އަދިވެސް ހަމަ ވަރަށް ބޭނުން. ވަރަށް ބޮޑަށް ބަލައިގަނޭ. އެހެންވީމަ މިވަރުގެ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައި އޮތް ސަރުކާރެއް، ކުޑަކަކޫ މައްޗަށް ތިރިކުރުމުގެ ބާރެއް މިހާރުގެ އޮޕޮސިޝަންގަ އެއް ނެތް،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ކޮންމެ ވެރިއަކު ވެސް ރަނގަޅު ކަމެއް ކުރުމުން ބަލައިގަންނާނެ ކަމަށާއި ރައީސް ޔާމީން ވެސް ރައްޔިތުންނަށް ކަންކަން ކޮށްދީފައި އެބަހުރިކަމަށެވެ. ނަމަވެސް މައްސަލައަކީ ދިވެހި ރައްޔިތުންނަށް އަނިޔާކޮށް، ދިވެހި މާލިއްޔަތުން ވައްކަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް