ދިވެހި ރައްޔިތުން ބުނަނީ މިއަދު ބޭނުމީ ރައީސް ޔާމީންކަމަށް: އަދުރޭ

ސެޕްޓެމްބަރު 10، 2021: އިދިކޮޅުން ބޭއްވި "އިންސާފު ހޯދަން" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

ހުރިހާ ދިވެހި ރައްޔިތުން ވެސް މިއަދު ބުނަމުން އަންނަނީ ރާއްޖޭގެ ހިންގުމާ ހަވާލުވާންވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންސާފު ހޯދަން" ސުލްހަވެރި އިހުތިޖާޖުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު ގައުމުގެ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީނުގެ ހިދުމަތްކަމަށެވެ. އަދި އެއީ މިއަދު ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ.

"މިއަދު ދިވެހި ރައްޔިތުން ބުނަމުން އަންނަނީ ތިމަންނަމެން ބޭނުންވަނީ ރައީސް ޔާމީނުގެ ވެރިކަމޭ. ތިމަންނަމެން ބޭނުންވަނީ އަދުލު އިންސާފު ގާއިމްކުރާށޭ. ތިމަންނަމެން ބޭނުންވަނީ ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ތާއަބަދު އޮންނާށޭ. ތިމަންނަމެން ބޭނުންވަނީ ދިވެހި ގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ގާއިމްވެ އޮންނާށޭ،" އަދުރޭ ވިދާޅުވިއެވެ.

ސެޕްޓެމްބަރު 10، 2021: އިދިކޮޅުން ބޭއްވި "އިންސާފު ހޯދަން" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

އޭނާ ވިދާޅުވީ މިއަދު ދިވެހިން އެދެނީ ފުދުންތެރި ދިރިއުޅުމެއް އުޅުމަށްކަމަށެެވެ. އަދި ގައުމުގެ ޒުވާނުން ބޭނުންވަނީ ވަޒީފާގެ ފަހި ފުރުސަތުތަކެއްކަމަށެވެ. އަދި އެކަންކަން ކުރެވެން އޮތް ހަމައެކަނި މަގަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވަނީ ސަރުކާރުން ނާޖާއިޒު ފައިދާތަކެއް ނަގަންކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން ރާއީސް ޔާމީނަކީ ރާއްޖެއަށް އަގުނުކުރެވޭ ފަދަ އެތައް ހިދުމަތެއް ކުރައްވާފައިވާ ބޭފުޅެއް. އެމަނިކުފާނަށް ކުރަމުން އަންނަ އަނިޔާއަކީ ސަރުކާރުން ނާޖާއިޒު ފައިދާ ހޯދަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއަދު ރައްޔިތުން ނިކުމެ ތިބީ ގައުމު ސަލާމަތްކުރުމަށް ކަމަށެވެ. އަދި ގައުމުގައި ގޯހުން ދާ ކަންކަން ހަމަ މަގަށް އެޅުވުމަށްކަމަށެެވެ.

"ދިވެހި ރައްޔިތުން މިއަދު މި ނިކުތީ އިންސާފު ހޯދަން. ސަރުކާރަށް އެ އަޑު އިއްވަން. ދިވެހިރާއްޖޭގައި މިއަދު އަނިޔާވެރިކަން މިވަނީ އިންތިހާއަށް އިތުރުވެފައި. އަޅުގަނޑުމެން މި ކުރަނީ ގައުމީ މަސައްކަތެއް. މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާ،" އަދުރޭ ވިދާޅުވިއެވެ.

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅުގެ އިހުތިޖާޖު ފަަށާފައިވަނީ މިއަދު ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

މި އިހުތިޖާޖުގައި ޕީޕީއެމަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. އަދި އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް މި އިހުތިޖާޖު މި ވަގުތުގައި ކުރިއަށް ދާނެކަމަށް އެ ކޯލިޝަނުން ބުންޏެވެ.

comment ކޮމެންޓް