ޅ. ފެލިވަރުގައި މަސް ޕްރޮސެސްކުރާ އިތުރު ކާރުހާނާއަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ހިންގަމުންގެންދާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ މިއަދު ފަށައިފިއެވެ.
އެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުހާނާއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު އެ މަޝްރޫއުގައި ފެލިވަރުގައި ބްރައިން ފްރީޒިން ފެސިލިޓީ އާއި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީ އާއި ފިޝްމީލް ޕްލާންޓަކާއި އައިސް ޕްލާންޓަކާއި މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައްވެސް ގާއިމު ކުރާނެއެވެ.
އެ މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައިވެސް
50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމު ކުރާނެއެވެ.
މިފްކޯއިން ބުނި ގޮތުގައި މިއަދު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި ބާނާ ގިނަ އަދަދެއްގެ މަސް، ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުން އެ މަހުން ލިބޭ އާމްދަނީ ދަށްވުމެވެ.
އެހެންކަމުން މިކަމަށް އަލިމަގެއް ހޯދައި، މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ޕްރޮސެސްކުރުމަށް ފަހު ބޭރުކުރާ މަހުގެ މިންވަރު އިތުރުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ފެލިވަރުގައި ކުރިއަށްގެންދާ އެ މަޝްރޫއުގެ ސަބަބުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެގުނައަށް ވުރެ ބޮޑުތަން އިތުރުވެގެންދާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.
މީގެ އިތުރުން މިފްކޯއިން ބުނީ ފެލިވަރުގައި ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގާއިމު ކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ފްރީޒިން ފެސިލިޓީތަކުގެ ސަބަބުން މަސް ގަނޑުކުރުމާއި ގަނޑުކުރުމަށްފަހު ރައްކާ ކުރުމަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.
މިފްކޯއިން ބުނީ އެ މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ގައުމުގެ އިގްތިސާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މަސްވެރިން ބާނާ މަސް، ދަތިކަމަކާ ނުލައި ކިރޭނެ މަގު ފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ވިސްނުންފުޅު ތަންފީޒުކުރުމަށް ވަރަށް ބޮޑު ބާރަކަށް އެ މަޝްރޫއު ވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.