ޓެގް ޓީމާ ގުޅޭ ކްލިނިކްތަކުން ޕީސީއާރު ޓެސްޓަށް މަކަރު ހަދާ ކަމުގެ ތުހުމަތު!

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު-- ފޮޓޯ/ މަޖިލިސް

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިސަރީ ގުރޫޕު (ޓެގް)ގައި ހިމެނޭ ޑޮކްޓަރުންގެ ނިސްބަތްވެވަޑައިގެންނަވާ ކުލިނިކުތަކުން ކޮވިޑް19ގެ ޕީސީއާރު ޓެސްޓު ހެދުމުގައި އޮޅުވާލަމުންދާ ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މެމްބަރު އަފީފް ވިދާޅުވީ އެޗްއީއޯސީ ޓެގް ޓީމުގެ ޑޮކްޓަރުން ނިސްބަތްވެވަޑައިގަންނަވާ ކްލިނިކްތަކުން ޕީސީއާރު ޓެސްޓުގެ ބަދަލުގައި ރެޕިޑް ޓެސްޓު ހެދުމަށްފަހު ޕީސީއާރު ޓެސްޓުގެ ނަތީޖާ ކަމަށް ބުނެ ސެޓްފިކެޓް ދޫކުރާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

"މިފަދަ ކަންކަން ކުރާކަމަށްވާނަމަ، ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތް ވާނީ ބޭކާރު. އެކަންތައްތައް ކޮންޓްރޯލްކޮށް، ރަނގަޅު ސިސްޓަމަކަށް ގެންދަން ތިބޭ ޑޮކްޓަރުން މަކަރު ހަދާނަމަ، ކިހިނެއްތޯ މިކަން ހުއްޓުމަކަށް ގެނެވޭނީ." މެމްބަރު އަފީފް ވިދާޅުވިއެވެ.

މިކަން ސީދާ ކަށަވަރު ނުވި ނަމަވެސް، އާންމުންގެ ތެރޭގައި މިފަދަ ވާހަކަތައް ދެކެވޭނީ ކަންތައްތަކެއް ހިނގަމުންދާތީ ކަމަށާއި ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއި އަދި ވަކިން ހާއްސަކޮށް ހެލްތު މިނިސްޓްރީން މިކަން ބަލަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ކޮންމެވެސް ވާހަކައެއް ދެކެވޭނީ ކޮންމެވެސް ކަމެއް ހިނގާތީ. އަޅުގަނޑުމެން މި ބުނަނީ ދުމެއް ނާރާނޭ އަލިފާން ނެތިއްޔާ. އެހެންވީމަ ވާހަކައެއް ނުއުފެދޭނެ ކަމެއް ނުކުރާނަމަ،" މެމްބަރު އަފީފް ވިދާޅުވިއެވެ.

comment ކޮމެންޓް