ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފާ ހޯދަނީ

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި އާއްމު ކޮމިޓީ ބައްދަލުވުމުގައި އެކަން ހުށަހަޅުއްވާފައި ވަނީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިންއެވެ.

އޭނާ ހުށަހަޅުއްވާފައި ވަނީ، ގަވާއިދާ ޚިލާފަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މިއަދުގެ ޖަލްސާ ނިންމަވާލައްވާފައި ވާތީ، އެ މައްސަލައިގައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އާއްމު ކޮމިޓީއަށް ލިބިފައިވާ އިޚުތިޔާރުގެ ތެރެއިން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި އޮތް އޮތުމުން އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައަށް ގޮތެއް ނިންމުމަށް ވީހާވެސް އަވަހަށް ހައްލު ހޯދަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ އަގުލައްބިއްޔަތުން ވަނީ އޭޖީ އިބްރާހީމް ރިއްފަތުގެ ލަފާ ހޯދުމަށް ފާސްކޮށްފައެވެ.

ބަންޑާރަ ނައިބުގެ ލަފާ ލިބުމުން އެ ލަފާ އަމީންއާއްމަށް އެރުވުމަށް ކޮމެޓިން ވަނީ ނިންމައިފައެވެ.

މިއަދު ހެނދުނު ބޭއްވި ޖަލްސާ އަފީފް ނިންމަވާލެއްވީ، ރައީސް މުޙައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައިގައި ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ނެގި ނިޒާމީ ނުކުތާ ބައްލަވައިގަތުމަށްފަހުގައެވެ. އަފީފް އެންގެވީ އެމްޑީޕީން މައްސަލަ އަލުން ހުށަހެޅުމަށެވެ.

އޭގެ ފަހުން މަޖިލިސް އިދާރާއިން މެންދުރަށް ވެސް މައްސަލަ އެޖެންޑާ ކުރެއްވުމުން ރިޔާސަތުގައި އިންނެވީ ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އެކަމަނާ ވިދާޅުވީ ރިޔާސަތުން އެއް ފަހަރު މައްސަލަ ބޭރުކޮށްލާފައިވާ ކަމަށާއި އެހެންވެ، ދެން މިއަދު މައްސަލަ ކުރިއަށްނުގެންދަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްތިޔާޒް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އަފީފާއި އީވާ މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައެވެ.

ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.

މި ދައުރުގައި އެ މައްސަލަ ކުރިއަށްނުގެންދެވުނީ، އީވާ އާލާސްކަންފުޅާ ކަމަށް ވިދާޅުވެ ސަލާން ފޮނުއްވާތީއެވެ. އީވާ ސަލާން ފޮނުއްވުމުން، މަޖިލީހުގެ އިދާރާއިން ނިންމަމުން އައީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން އެހެން ބޭފުޅަކަށް އެ މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރިއަށްނުގެންދެވޭނެ ކަމަށެވެ.

އެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ އީވާ ވަޑައިނުގަތަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފައެވެ.

އެ ހުކުމަށް ފަހު މިއަދަށް ފުރަތަމަ އެޖެންޑާ ކުރި ޖަލްސާއަށް ވެސް އީވާ ސަލާމް ވިދާޅުވިއެވެ. ނަމަވެސް ދެވަނަ ދަންފަޅިއެއް އެޖެންޑާ ކުރުމުން އެކަމަނާ ރިޔާސަތާ ހަވާލުވެވަޑައިގަތީއެވެ.

comment ކޮމެންޓް