ރައީސާއި ނައިބު ރައީސްގެ އިތުރުން މިނިސްޓަރުންގެ ވެސް މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
މާލިއްޔަތު ކޮމިޓީން ގެނައި ބަދަލާއެކު ރައީސްގެ މުސާރައަށް އިތުރުވަނީ 20،000 ރުފިޔާއެވެ.
ކޮމިޓީން މުސާރައަށް ހަމަޖައްސަން ފާސްކޮށްފައިވަނީ:
ރަައީސް: 120،000 ރުފިޔާ
ނައިބު ރައީސް: 93،000 ރުފިޔާ
މިހާރު ނައިބު ރައީސްގެ މުސާރައަކީ 75،000 ރުފިޔާއެވެ.
މިނިސްޓަރުންގެ މުސާރައަށް އެންމެ ފުރަތަމަ މިއަދު ކޮމިޓީއަށް ހުށަހެޅީ އަސާސީ މުސާރައިގެ ގޮތުގައި 53،000 ރުފިޔާއާއެކު ޖުމްލަ 72،000 ރުފިޔާ ދިނުމަށެވެ. ނަމަވެސް ކޮމިޓީގެ ނުރަސްމީ މަޝްވަރާއަށް ފަހު ނިންމީ އަސާސީ މުސާރަ 55،000 ރުފިޔާއަށް ބޮޑުކޮށް، ޖުމްލަ މުސާރަ 74،000އަށް ބަދަލުކުރުމަށެވެ.
އެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ، ރައީސާއި ނައިބު ރައީސްގެ މުސާރަ ކަނޑައެޅެނީ ގާނޫނެއްގެ ދަށުންކަން ފާހަގަކުރައްވާފައެވެ. އެހެންވެ، އެ ބޭފުޅުންގެ މުސާރައަށް ބަދަލު ގެންނަ ނަމަ ގާނޫނު ބަދަލުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އަފީފް ހުށަހެޅުއްވީ، މުސާރަތައް ބޮޑު ކުރުމަށް ހުށަހަޅާ ރިޕޯޓުގައި، ރައީސާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅާ މާއްދާ އުނިކުރުމަށެެވެ. އެކަމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ މުސާރަތައް ބޮޑު ކުރުމަށް މަޖިލީހުގެ އިދާރާއަށް ފޮނުވާ ރިޕޯޓުގައި އެ ލަފާ ހިމަނަން ކޮމިޓީން ނިންމިއެވެ.
ރައީސާއި މިނިސްޓަރުންގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަވެސް ބޮޑު ކުރަން ކޮމިޓީން ނިންމިއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ ޖުމްލަ މުސާރަ 91،000 ރުފިޔާއަށް އަދި އެ ކޯޓުގެ ފަނޑިޔާރުންގެ މުސާރަ 89،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވެއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުންގެ މުސާރަ 70،000 ރުފިޔާއަށް އަދި އެ ކޯޓުގެ ފަނޑިޔާރުންގެ މުސާރަ 68،000 ރުފިޔާއަށް ބޮޑުކުރަން ވެސް ކޮމިޓީން ނިންމިއެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީންގެ މުސާރަ 62،000 ރުފިޔާއަށް އަދި އެ ކޯޓުގެ ގާޒީންގެ މުސާރައަކީ 60،000 ރުފިޔާ ކަމަށް ކަނޑައަޅަން ކޮމިޓީން ފާސްކުރިއެވެ. އެ ކޯޓެކޭ އެއްގޮތަށް ޑްރަގް ކޯޓާއި، ސިވިލް ކޯޓާއި، ޖުވެނައިލް ކޯޓާއި، ފެމިލީ ކޯޓުގައި އިސް ގާޒީންގެ މުސާރަ 62،000 ރުފިޔާއަށް ބޮޑު ކުރުމަށާއި ގާޒީންގެ މުސާރަ 60،000 ރުފިޔާއަށް ބޮޑު ކުރުމަށް ކޮމިޓީން ނިންމިއެވެ.
އެ މުސާރަތަކަށް ގެނައި ބަދަލުތައް ކޮމިޓީން ފާސްކުރީ ހާޒިރުވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ.