ހިޔާ ފްލެޓު ލިބުނު އެންސިސް ފިޝަރީޒްގެ މުވައްޒަފުންނަށް އިންޓްރެސްޓް ނުހިމެނޭ ލޯނުތަކެއް އެކުންފުނިން ދޫކުރަން ފަށައިފިއެވެ.
އެ ލޯނަކީ ފްލެޓު ލިބުނު އެންސިސްގެ މުވައްޒަފުން، އެތަން ހަދައި މަރާމާތު ކުރަން މާލީ ގޮތުން އެހީވުމަށްޓަކައި ހަމަޖައްސައިދޭ ލޯނެކެވެ.

އެންސިސް ފިޝަރީޒްއިން ބުނީ އެކުންފުނީގެ މުވައްޒަފުންގެ ޒަރޫރީ ބޭނުމަށް ވަކި އުސޫލެއްގެ ދަށުން އިންޓްރެސްޓަކާ ނުލައި ލޯނު ދޫކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ނަމަވެސް މިފަހަރު މިކަން ކުރަން ނިންމީ މުވައްޒަފުންނަށް ވީހާވެސް ފަސޭހަ ގޮތްތަކަށް ބެލުމަށްފަހު ކަމަށް އެންސިސްއިން ބުނެއެވެ.
އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަބްދުލްވާހިދު ތައުފީގު ވިދާޅުވީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއަކީ މުވައްޒަފުންނަށް މަސައްކަތުގެ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުން އެކަނި ނޫން ކަމަށާއި އެއަށްވުރެ ފުޅާކޮށް މުވައްޒަފުންގެ ވެލްފެއާގެ ކަންކަމާމެދު ވިސްނަން ޖެހޭ ކަމަށެވެ.
"އެގޮތުން މުވައްޒަފުންނަށް އެމީހުންގެ އާއިލާތަކަށް ދިރިއުޅުމުގެ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމަށްވެސް މަސައްކަތްކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަބްދުލްވާހިދު ތައުފީގު-- ފޮޓޯ/އެންސިސް
އެންސިސް ފިޝަރީޒްއަކީ ޒަމާނުއްސުރެ މަސްވެރިންނަށްވެސް މިފަދަ އެތައް އެހީތަކެއް ފޯރުކޮށްދޭ، މަސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުންފުންޏެކެވެ.