ހުޅުމާލެއަށް ވަންނަ ހައިވޭން ދުވާ ނުބައި ވަހަކީ އެންސިސްގެ ގްރީން ފެކްޓްރީއަކުން ދުވާ ވަހެއްކަމަށާއި އެކަން ހައްލުކުރަން އަންގައިފައިވާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ހުޅުމާލެއަށް އަރާ ހައިވޭއިން ހުޅުމާލެ ޖަލާއި ސަހަރާ ހުންނަ ސަރަހައްދަކީ މަސް ކައްކާ ވަސް ވަރަށް ގަދަޔަށް ދުވާ ސަރަހައްދެކެވެ.
ނުބައި ވަސް އެ ހިސާބުން ދުވާތީ އާންމުން ވެސް އެ ވަހަކަދައްކައެވެ.
އެ ކަމާ ގުޅިގެން އެޗްޑީސީގެ އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަލީ މަޝާރު "ސަން"އަށް ވިދާޅުވީ އެ ސަރަހައްދުން މިހާރު ދުވާ ނުބައި ވަހަކީ އެ ސަރަހައްދުގައި ހުންނަ ފެކްޓްރީއަކުން ކުރާ މަސައްްކަތުގެ ސަބަބުން ދުވާ ވަހެއް ކަމަށެވެ.
"އެއީ އަސްލު އެންސިސްގެ ފެކްޓްރީއަކުން އަރާ ވަސް. ދެން އަޅުގަނޑުމެން ވާނީ އިންސްޕެކްޝަން ޖައްސައި، އެކަން ހިނގަން މެދުވެރިވާ ގޮތް ބަލައިފައި. ހަމައެއާއެކު އެންސިސްގެ ވެރިންނަށް ވާނީ އެ ކަން ހައްލުކުރުމަށް އަންގައިފައި،"މަޝާރު ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން އެންސިސްގެ ބަހެއް ލިބޭ ގޮތްވަނީ ނުވެފައެވެ.
އެ ސަރަހައްދުން ނުބައި ވަސް ދުވައިގެން އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދުނީ ސެޕްޓެމްބަރު މަހުގެ ތެރޭ ގެއްލުނު މުހައްމަދު އަޒްހާންގެ ކުނިވެފައިވާ ހަށިގަނޑު އެ ސަރަހައްދުގައި އޮތް ބިމެއްގެ ގަސްތަކުގެ ތެރެއިން ފެނުމާއެކުއެވެ.
އެއިރު ވެސް އެ ތަނުން ދަތުރުކުރި މީހުންނަށް އެ ސަރަހައްދުން ކުނި ވަސް ދުވައިގެން އުޅުނެވެ.