އަންހެނުންގެ ކޮމެޓީގެ މުސާރަ ޖެނުއަރީއިން ފެށިގެން ދެގުނަ ބޮޑުވާނެ

ށ. ޅައިމަގު ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ދޭ މުސާރަ ބޮޑުކުރާނީ އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ށ. އަތޮޅާއި ރ. އަތޮޅަށް ރައީސްގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ށ. ޅައިމަގަށް ވަޑައިގެން ޅައިމަގު ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ޖެނުއަރީ މަހުން ފެށިގެން ރަނގަޅުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ގިނަ ބާރުތަކަކާއި އިޙްތިޔާރު ތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި އެ ކަންކަމުގެ ބޭނުން ހިފައި ރަށު ތަރައްގީއަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ވިދާޅުވެފައެވެ.

މިހާރު އެ ކޮމިޓީގެ މެމްބަރުންނަށް ލިބެމުން އަންނަނީ 3000 ރުފިޔާގެ މުސާރައެކެވެ. ނަމަވެސް ޖެނުއަރީގައި ގެންނަ ބަދަލާއެކު 6000 ރުފިޔާއަށް މުސާރަ އިތުރު ވެގެންދާނެއެވެ.

ރައީސްގެ ދެކަނބަލުން މިހާރު ށ. ފުނަދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ށ. އަތޮޅުގެ ހަތަރު ރަށަކަށާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް