ދެމަސް ފަހުން އަނެއްކާވެސް ފުލިދޫ މޮނިޓަރިންގެ ހާލަތަށް

ވ. ފުލިދޫ: ހަތަރު މީހުން ޕޮޒިޓިވްވެ، އެޗްޕީއޭއިން މިއަދު ވަނީ އަނެއްކާވެސް އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ---

ހަތަރު މީހުން ޕޮޒިޓިވްވެ، އެޗްޕީއޭއިން އަނެއްކާވެސް ވ. ފުލިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ފުލިދޫން އެންމެފަހުން މޮނިޓަރިންއަށް ލީ މިއަހަރުގެ ޖޫންމަހުގައެވެ.

ވ. ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް "ސަން"އަށް ވިދާޅުވީ އެ ރަށުން މިފަހަރު އެންމެ ފުރަތަމަ ޕޮޒިޓިވްވީ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންތަކެއް ކަމަށެވެ.

"ފުރަތަމަ ޕޮޒިޓިވްވީ މިރަށު ގެސްޓްހައުސްއެއްގައި ތިބި ފަތުރުވެރިންތަކެއް. ދެން އެމީހުންނާ ކޮންޓެކްޓް ވެފައި ތިބި ދެ ސްޓާފަކު ޕޮޒިޓިވް ވެގެން މި ރަށް މޮނިޓަރިންއަށް ލީ. ދެން އެ ސްޓާފުން ކަރަންޓީނުގައި ތިބި ގޭ މީހުން ޓެސްޓްކުރިއިރު އޭގެ ތެރެއިންވެސް ހަތަރު މީހުން ޕޮޒިޓިވް،" އިމްތިޔާޒް ވިދާޅުވިއެވެ.

ފުލިދޫގައި މިހާރު ތިބި ޕޮޒިޓިވް ކޭސްގެ އަދަދަނީ 13 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ހަތް ފަތުރުވެރިންނާއި ހަ ދިވެހިންނެވެ.

އިމްތިޔާޒް ވިދާޅުވީ ފުލިދޫގައި ދިރިއުޅޭ އާބާދީގެ ތެރެއިން 90 އިންސައްތަ މީހުން، ވެކްސިންގެ ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި މިވަގު އޮތީ މިއަދު މޮނިޓަރިންނަށް ލީ ފުލިދޫ ހިމަނައިގެން ޖުމުލަ 23 ރަށެކެވެ.

comment ކޮމެންޓް