ޖަނަވާރުންގެ ސިއްހަތާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖަނަވާރުންގެ ސިއްހަތާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމައިފިއެވެ.

ޖަނަވާރުގެ ސިއްހަތާބެހޭ ބިލަކީ ސަރުކާގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މިއަދު ކުރިއަށްދިޔަ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ބިލުގެ ދިރާސާ މައްސަލަ ކުރިއަށް ގެންދިއުމަށް މެންބަރުންގެ ހިޔާލު ހޯދާފައެވެ.

އެގޮތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވަނީ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށާއި ކޮމިޓީން ފަހަރަކު މާއްދާއެއް ދިރާސާކޮށް، އޮޅުން އަރާ ކަންކަން ގުޅުން ހުރި އިދާރާތައް ނުވަތަ މިނިސްޓްރީތަކާ ސުވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައެވެ.

އެ ދެ ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން ނިންމާފައިވަނީ 10 ދުވަހަށެވެ.

މީގެ އިތުރުން ކަސްޓަމްސް، މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗާ، އިކޮނޮމިކްސް މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި އެންވައިރަމެންޓް މިނިސްޓްރީގެ އިތުރުން އެލްޖީއޭ މެދުވެރިކޮށް އަތޮޅު ކައުންސިލްތަކުން، ލިޔުމުން ބިލަށް ކޮމެންޓް ހޯދުަމަށް ވަނީ ނިންމާފައެވެ.

މި ބިލުގެ ދަށުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަގުމަތި ނުވަތަ އެހެން ތަނެއްގައި އުޅުމަށް ދޫކޮށްލާ ފަރާތްތައް 5000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ.

މި ގާނޫނާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް އިމްޕޯޓް ކުރުމާއި، ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅުމާއި، ގާނޫނުން ހުއްދަ ދީފައިވާ ތަންތަން ނޫން އެހެން ތަންތަނުގައި ޖަނަވާރުގެ ވިޔަފާރި ކުރުމާއި، މި ގާނޫނުގެ ދަށުން ނެގޭ އެއްވެސް ސާމްޕަލް އެއް އޮޅުވައިލުމާއި، ދުޅަހެޔޮ ކަމުގެ މިންގަނޑާ ހިލާފަށް ޖަނަވާރު ގެންގުޅުމާއި އުފުލުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި އެއިން ކޮންމެ ކުށެއްގެ އަދަބެއްގެ ގޮތުގައި 5000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

އަދި ރިޕޯޓު ކުރަން ޖެހޭ ބައްޔެއް ޖެހިފައިވާ، ނުވަތަ އެފަދަ ބައްޔެއް އުފުލައިފާނެ ޖަނަވާރެއް، ވިއްކަން ބެހެއްޓުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ފޯރުކޮށްދިނުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި 10،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް