ބޮޑެތި ޖޫރިމަނާތަކަކާއެކު ފިޔަވަޅު އެޅޭގޮތަށް ހުށަހެޅި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު" ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ބަލައިގަނެ، ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
މިއަދުގެ ޖަލްސާގައި އެ ބިލުގެ ބަހުސްވަނީ ނިންމާލައިފައެވެ. އެއަށްފަހު ނެގި ވޯޓުގައި 43 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ބަލައިގެންފައެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އެއާއެކު އެ ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.

ބައިނަލްއަގުވާމީ ޖަނަވާރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެއާގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް
ބިލުގައި ހިމެނޭ ކަންތައްތައް
މި ބިލުގައި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި އެ ނޫން ވެސް ކަންކަން ކަނޑައަޅާފައިވެއެވެ.
ހަމައެއާ އެކު މި ގާނޫނާ ޚިލާފުވެއްޖެ ހާލަތުގައި ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭގޮތަށް ވަނީ ހިމަނާފައެވެ.
ފިޔަވަޅުތަކުގެ ތެރޭގައި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި، ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރެވޭނެއެވެ. އަދި، ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން، ޖަނަވާރަށް އަނިޔާއެއް ދިނުމާއި އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކުރެވޭނެއެވެ. މި ގާނޫނުގައި އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލުގައި، އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ބާރުތައް ވަނީ ދީފައެވެ. އެ ގާނޫނުގެ ދަށުން ސިޔާސަތު ކަނޑައަޅައި، ގާނޫނު ތަންފީޒުކުރާ މައި އިދާރާއަކީ މިނިސްޓްރީ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
އެގޮތުން، މީގެކުރިން ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ނުރައްކާތެރި ޖަނަވާރު އެތެރެކުރެވޭނީ ޑިފެންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. ނަމަވެސް، އެ މާއްދާ އުވާލުމަށް ފަހު މިހާރު ހުއްދަ ނަގަން ޖެހޭނީ އެނިމަލް ވެލްފެއާ މިނިސްޓްރީން ކަމަށް މި ބިލުގައިވަނީ ހިމަނާފައެވެ.
މި ބިލުގައި ވާގޮތުންނަމަ ޕޯޓު ކަރަންޓީނު ފެސިލިޓީތަކާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަންޖެހޭނެއެވެ. އަދި، ޖަނަވާރުން ގެންގުޅޭ ތަންތަން އިންސްޕެކްޓްކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފައެވެ.
މި ގާނޫނު ހިނގާނެ ދިރޭ ޖަނަވާރުތަކުގެ ތެރޭގައި ހިމެނެނީ އެއްގަމުގައި ދިރިއުޅޭ ޖަނަވާރާއި، ދޫނިސޫފާސޫފީގެ އިތުރުން އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރެވެ. މި ގާނޫނު ހިނގާނެ ޖަނަވާރުގެ ބައިތަކަކީ ވިއްސައި އާލާކުރުމަށް ބޭނުންކުރާ ޖަނަވާރުގެ ބައިތަކާއި، ޖަނަވާރުގެ އަސްލުން އުފައްދާފައިވާ އިންސާނުން ކެއުމަށް ބޭނުންނުކުރެވޭ ބައިތަކެވެ.
ޚާއްސަ ހުއްދަ ބޭނުންވާ ޖަނަވާރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގައި ހިމެނޭ ޖަނަވާރާއި، ނުރައްކާތެރި ޖަނަވާރުގެ އިތުރުން ރާއްޖޭގައި އާންމުކޮށް ދިރިނޫޅޭ ޖަނަވާރެވެ.