އާސަންދައިން ތަކުރާރުކޮށް ހަދާ ޓެސްޓުތައް ހުއްޓުވަނީ

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ: ވިދާޅުވީ ތަކުރާރުކޮށް ހަދާ ޓެސްޓުތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފި ކަމަށް -- ފޮޓޯ/ މަޖިލިސް

ޚަރަދުކުޑަކުރުމުގެ ގޮތުން، އާސައިންދައިގެ ދަށުން ތަކުރާރުކޮށް ހަދާ ޓެސްޓުތައް ހުއްޓުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާ އެކު މިހާރު ކުރަމުން އަންނަ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެއެވެ.

އާސަންދައިގެ ޚިދުމަތްތަކުގެ އަގުތަކާއި އެ ސްކީމްގެ ދަށުން ދޫކުރެވޭ ބޭހުގެ އަގުތަކާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޒީނިޔާ ވިދާޅުވީ، ތަކުރާރުކޮށް ހެދޭ ޓެސްޓްތައް ހުއްޓުވޭނެ ގޮތެއް ހޯދަން ހެލްތު މިނިސްޓްރީއާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ސިސްޓަމް ތެރެއަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލަކަށް ވަކި ޓެސްޓެއް ތިން މަސް ފަހުން ނޫނީ ނުހެދޭނެ ގޮތަކަށް. ނޫނީ ޑޮކްޓަރަށް އެލާޓެއް ދާނެއޭ ތިން މަސް ކުރިން އެ ޓެސްޓެއް ހަދާފައި އިންނަމަ. އޭރުން ފަސޭހަވާނެ އެ ޑޮކްޓަރަކަށް ފިޔަވަޅު އަޅަން ވެސް ހަދާފައި އިންދާ އަލުން ހަދަން ޖެއްސީ ކީއްވެތޯ ޖަސްޓިފިކޭޝަނެއް ނުދީ، އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ

ހަމައެއާއެކު އާސަންދައިން ދޭ ޚިދުމަތްތަކުގެ އަގުތައް ކޮންޓްރޯލްކުރުމަށް ހެލްތު މިނިސްޓްރީއާ އެކު ޓްރީޓްމަންޓް ގައިޑްލައިންތަކެއް ހަދަމުންގެންދާ ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ.

އެގޮތުން، އުންމީދުކުރަނީ ޓްރީޓްމަންޓް ގައިޑްލައިންތައް ތަންފީޒުވާ ހިސާބުން ހުރިހާ ހޮސްޕިޓަލްތަކަކުން ވެސް އެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށްދާނެ ކަމަށްކަން އޭނާ ވިދާޅުވިއެވެ. އޭރުން ބޭކާރު ޓެސްޓްތައް ހެދުން ކުޑަވާނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ދައުލަތަށް ބުރައަކަށް ވެފައިވާ އާސަންދައިގެ ޚަރަދު ކުޑަކޮށް, ދެމެހެއްޓެނިވި ގޮތެއްގައި އެ ޚަރަދު ބެލެހެއްޓުމަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވެސް ޒީނިޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެކަން ފާހަގަކުރައްވާ މިއަދު އޭނާ ވިދާޅުވީ، އެ ޕެކޭޖުތަކެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ ޕެކޭޖުތައް ހެދުމުން އެ ޕެކޭޖުތަކަށް އެއްބަސްވާ ފަރާތްތަކާ އެކު އާސަންދަ ފޯރުކޮށްދިނުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރަށް އާސަންދައަށް ބަޖެޓުކުރީ 1.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އެ ބަޖެޓު ވަނީ އަހަރު ނުނިމެނީސް ހުސްވެފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ކުރި ހޭދަ 838 މިލިއަން ރުފިޔާއަށް އަރައެވެ. ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 823 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ތިންވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 903 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އަހަރުގެ މިހާތަނަށް އާސަންދައިން ޖުމުލަ 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

comment ކޮމެންޓް