އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސާރާ އަލީ ހާން އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.
ސާރާ ވަނީ ފަރި ރަށުގެ ޕަޓީނާ މޯލްޑިވިސް ރިސޯޓުގައި ހުރެ ފޮޓޯއެއް އިންސްޓަގްރާމް އަށް އިއްޔެ ޝެއާކޮށްފައެވެ.
ސާރާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ހާން އާއި އޭނާގެ މަންމަ އަމްރިތާ ސިންގްއާ އެކީ އައިސްފައެވެ.
އެ ފަހަރު ރާއްޖެ އައިސް ވެސް ސާރާ ވަނީ ވަރަށް ގިނަ ރީތި ފޮޓޯތަކެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފައެވެ.
ސާރާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީ އެއާޕޯޓުން ރާއްޖެ އައުމުގެ ވުރެ ކުރިން ފެނިފައެވެ. އިންޑިއާޓުޑޭ ހަބަރުން ރިޕޯޓުކުރާ ގޮތުގައި ސާރާ ވަނީ ވީއައިޕީ ގޭޓް ދޫކޮށް އާންމު ގޭޓު ބޭނުންކޮށް ދަތުރުކޮށްފައެވެ.
ސާރާއަކީ މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ޚާންގެ ދޮށީ ދަރިއެވެ. ސާރާގެ މަންމަ އަމްރިތާ ސިންގަކީވެސް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިއެކެވެ.
ސާރާ ވަނީ އޭނާގެ މައިންބަފައިންނެކޭ އެއްފަދައިން ފިލްމީ ދުނިޔެއަށް ނުކުމެ މަޝްހޫރު މީހުންނާއެކީވެސް ފިލްމު ކުޅެފައެވެ. ސާރާ ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ލަފާ ކުރެވެނީ އިންޑިއާގެ ފިލްމު ޑައިރެކްޓަރު އާނަންދު އެލް ރާއި ގެ އަތްރަންޖީ ރޭ ފިލްމުންނެވެ.
މި ފިލްމުގައި މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ އަކްޝޭ ކުމާރް އަދި ދަނުޝް ވެސް އުޅެއެވެ.