މައިންބަފައިން ވަރިވިޔަސް މާމައާ ގުޅުން ރަނގަޅު: ސާރާ

ކުރީގެ ފިލްމީ ތަރި އަމްރީތާ، ކުރީގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާން އަދި މައިދައިތަ ޝަރުމީލާއާ އެކު--ފޮޓޯ/އައިބީޓައިމްސް

މައިންބަފައިންގެ ކައިވެނި ރޫޅި ވަކިން ދިރިއުޅުނު ނަމަވެސް މަންމަ އަމްރީތާއާއި މާމަ ޝަރުމީލާ ޓޭގޯރުގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި މިހާރު ވެސް ވަރަށް ބަދަހި ގުޅުމެއް ދެމައިންގެ އޮންނަ ކަމަށް ސާރާ އަލީ ޚާން ބުނެފިއެވެ.

ދާދި ފަހުން ދިއްލީގައި ކުރިއަށްދިޔަ ހަފުލާއެއްގައި ވާހަކަދައްކަމުން ސާރާ އަލީ ޚާން ބުނީ މަންމަ އަމްރީތާއާއި ބައްޕަ ސައިފްގެ ކައިވެނި ރޫޅުނުތާ ވިއްސަކަށް އަހަރުވެފައިވާއިރު ސާރާއާއި އިބްރާހީމް ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް މަންމަ އަމްރީތާއަށް ލިބުނީ ޝަރުމީލާގެ ފަރާތުން ކަމަށެވެ.

ސައިފާއި އަމްރީތާގެ ކައިވެންޏަށް ލިބުނު ދެ ކުދިން ކަމަށްވާ ސާރާއާއި އިބްރާހީމް އަކީ ޝަރުމީލާގެ ފުރަތަމަ މާމަ ކުދިންނަށްވެފައި އަމްރީތާއާ އެކު އޮތް ގުޅުމަށް ކުޑަވެސް ބަދަލެއް ނާންނަކަން ސާރާ ވަނީ ފާހަގަކޮށްފައެވެ.

އަމްރީތާ ދެ ކުދިން ސާރާ އަދި އިބްރާހީމްއާ އެކު--ފޮޓޯ/ކޮއިމޮއި
ސާރާގެ މަންމަ ފަރާތު މާމައާއި ކާފަ މިހާރު ދުނިޔޭގައި ނެތްކަން ފާހަގަކުރަމުން ސާރާ ބުނީ، މަންމަ އަމްރީތާއަށް އެއްވެސް ކަމެއް ދިމާވެއްޖެނަމަ އެހީތެރިވުމަށް އެންމެ ގާތުގައި ހުންނާނީ މާމަ ޝަރުމީލާ ކަމަށާއި މިހާތަނަށް ކަންތައް ހިނގަމުން އަންނަނީ އެގޮތަށް ކަމަށެވެ.

ސާރާއާއި އިބްރާހީމަށް ވެސް އެހީތެރިކަމެއް ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި މާމަ ޝަރުމީލާގެ ފަރާތުން އަބަދު ވެސް އެހީތެރިކަން ލިބޭ ކަމަށާއި ދިރިއުޅުމުގައި އިތުރު އެއްވެސް ކަމެއް ބޭނުން ނުވާކަމަށް ސާރާ ވަނީ މި ހަފުލާގައި ބުނެފައެވެ.

މިދިޔަ އަހަރު ޝަރުމީލާއާއި ސައިފް ބައިވެރިވި ޓޯކް ޝޯ 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑެއްގައި ވެސް ޝަރުމީލާ ވަނީ ކުރީގެ ދަނބިދަރި އަމްރީތާއާ ބެހޭގޮތުން ވާހަކަދައްކާފައެވެ.

ޝަރުމީލާ ބުނިގޮތުގައި އެކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އާއިލާގެ މެންބަރަކު ކުއްލިއަކަށް އާއިލާއިން ވަކިވި ނަމަވެސް ގުޅުން ކަނޑާލުމަކީ ފަސޭހަކަމެއް ނޫނެވެ. އަމްރީތާއާ ވަކިވުމަށް ފަހު ޝަރުމީލާގެ ދަރިފުޅު އަދި އެކްޓަރު ސައިފް މިހާރު ކައިވެނިކޮށްގެން އުޅެނީ ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރާއެވެ. މި ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.

comment ކޮމެންޓް