އީސީގެ މެންބަރު ކަމަށް އާސިފް އައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ހ. އިރުވައި މުހައްމަދު އާސިފް އައްޔަންކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ހ. އިރުވައި މުހައްމަދު އާސިފް އައްޔަންކުރައްވައިފިއެވެ.

އޭނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި އާސިފް ވަނީ އީސީގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައެވެ. އަދި ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ.

އެއާއެކު އޭނާ އެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އާސިފާ ހަވާލުކުރައްވާފައެވެ.

އާސިފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އީސީގެ މެންބަރު ކަމަށް އާސިފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައިއެވެ.

އާސިފަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. އެގޮތުން ވޯޓުގައި ބައިވެރިވެވަޑައިގަތް 50 މެންބަރުން ވެސް ވަނީ އޭނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވައިފައެވެެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

comment ކޮމެންޓް