ކައުންސިލްތައް އެއް އަހަރަށް ސަސްޕެންޑުކުރަން ޖާބިރު ގޮވާލައްވައިފި

އަބްދުﷲ ޖާބިރު --- ފޮޓޯ/ މަޖިލިސް

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އެއް އަހަރު ދުވަހަށް ސަސްޕެންޑުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ތިން މެމްބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހުށަހެޅުއްވި ނަންތައް ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓު ވަނީ މިއަދު މަޖިލީހަށް ހުށަހަޅާފައެވެ.

ރިޕޯޓު ހުށަހެޅުއްވުމަށްފަހު، މެންބަރުން ބަހުސް ކުރައްވަން ދިން ފުރުސަތުގައި ޖާބިރު ވަނީ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކައުންސިލް ބައިބައިވުން ކަމަށެވެ.

ޖާބިރު ވިދާޅުވީ ކުރީގައި އަތޮޅުވެރިކަން އޮތް އިރު ލާމަރުކަޒީ އުސޫލުން މާ ރަނގަޅަށް ބާރުތައް ދެވިފައި އޮތް ކަމަށެވެ.

"އެއިރު [އަތޮޅުވެރިކަން އޮތް އިރު] ކޮންމެވެސް ކޮންޓްރޯލެއް ސެންޓްރަލް ގަވަމެންޓުގައި އޮތް. މިހާރު ގަވަމެންޓުގެ ބާރު ވެސް ކެނޑިގެން މިދިޔައީ،" ޖާބިރު ވިދާޅުވިއެވެ.

ކައުންސިލަށް ބާރުތައް ދިނުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަނީ ވިޔަފާރިވެރިންނަށް ކަން ފާހަގަ ކުރައްވާ، ޖާބިރު ވިދާޅުވީ ކައުންސިލަށް ބާރުތައް ދިނުމުގެ ކުރިން ހަދާފައި ހުރި އެގްރީމެންޓުތަކަށް ކައުންސިލްތަކުން އަމަލުނުކުރާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކުރަން ދާނޭ ތަނެއް، އިދާރާއެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ މިހާރު ގާއިމްވެފައި އޮތީ ފެޑެރޭޝަނެއް ކަމަށާއި ފެޑެރޭޝަން ތެރޭގައި ވިޔަފާރި ކުރާނީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ.

"ސީދާ ކައުންސިލާ ގުޅިގެން ވިޔަފާރި ކުރަން ބަލާއިރުގައި ކައުންސިލްގަ ނުހުރޭ އެ ގާބިލް ކަމެއް. ވިޔަފާރީގެ ވާހަކަ ދެއްކޭ ގޮތަކަށް ނޯވޭ. ހުނަރުވެރިކަމެއް ނުހުރޭ. ވައްޓަފާޅިއެއް ނުހުރޭ. ތަމްރީނެއް ދެވިފައެއްނެތް. އެހެންވީމާ އަޅުގަނޑަށް ފެންނަނީ ވަގުތުން ވަގުތަށް ކައުންސިލްތައް ސަސްޕެންޑުކުރަން އެއް އަހަރު ދުވަހަށް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކައުންސިލްތައް ސަސްޕެންޑުކުރުމަށްފަހު، ރަނގަޅު ތަމްރީނު ދޭން ޖެހޭ ކަމަށެވެ.

comment ކޮމެންޓް