ޕައިލެޓަށް އިންޒާރުދިން މައްސަލައިގައި އަދިވެސް ޖާބިރަށް ފިޔަވަޅެއް ނާޅާ

މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އޭނާ މޯލްޑިވިއަންގެ ޕައިލެޓަކަށް އިންޒާރުދިން މައްސަލައެއް ވަނީ ފެންމަތިވެފައި -- ފޮޓޯ/ މަޖިލިސް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓަކަށް އިންޒާރު ދިން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އަދި އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް މޯލްޑިވިއަންއިން މިއަދު ބުނެފިއެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ ސީޕްލޭނަކަށް އެރުމަށް ޕްލެޓްފޯމެއްގެ މަތީގައި ހުންނަވައި ޖާބިރު ވަރަށް ހުތުރު ބަހުން ޕައިލެޓަކާ މުއާމަލާތް ކުރާ މަންޒަރެވެ. "ތިމަންނައަކީ ކާކުކަން ނޭނގޭހޭ" ސުވާލުކޮށް ޖާބިރު ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެއާލައިނުން އެ މައްސަލައިގައި މިހާތަނަށް އަދި 'ފައިނަލް ޑެސިޝަނެއް' ނުނަގާ ކަމަށެވެ.

ޖާބިރުގެ އެ އަމަލުގެ ސަބަބުން ފިޔަވަޅެއް އެޅުމަށްޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށް މި މަހުގެ ހަތްވަނަ ދުވަހު ކުންފުނީގެ ފަރާތުން ފުލުހުންނަށް ރަސްމީކޮށް މައްސަލަ ވަނީ ހުށަހަޅައިފައެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން އެއާލައިންތަކަށް ނާރުވާ ގޮތަށް ފިޔަވަޅު އަޅައެވެ. އެކަމަކު، މޯލްޑިވިއަންއިން މިހާތަނަށް އެފަދަ ފިޔަވަޅެއް ޖާބިރާ ދޭތެރޭ އަޅައިފައެއް ނުވެއެވެ.

ޖާބިރު ހުތުރުކޮށް ވާހަކަ ދައްކާ މައްސަލައަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. މި ފަހުން ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ މީހުންނާ ވެސް އަރާރުންވެ، ހުތުރު ބަހުން ވާހަކަ ދައްކަވާ ވީޑިއޯތަކެއް ވަނީ ލީކްވެފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ކަށަވަރު ކޮށްފައި ވަނިކޮށް. އެ ޕާޓީން ވަނީ ޖާބިރުގެ އަހުލާގީ މައްސަލައެއް ބެލުމަށް ފަހު، ޓިކެޓް އަތުލައި ޕާޓީން ވަކިކޮށްފައެވެ. އެކަމަކު، އޭނާ ވަނީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފައެވެ.

އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހުންނަން ޖެހޭ އަހުލާގު ޖާބިރުގެ ނެތް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.

comment ކޮމެންޓް