600،000 ޑޮލަރުގެ ދަރަނީގެ މައްސަލައެއްގައި ޖާބިރުގެ އެކައުންޓުތައް ފްރީޒްކޮށްފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ 50 އިންސައްތަ ހިއްސާ، 750،0000 ޑޮލަރަށް ގަންނަން ވެވުނު އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ ނުދައްކައި، ފައިސާ ނުދޭނެ ކަމަށް ބުނެފައިވާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓަށް ހުށަހަޅާފައިވާ ދައުވާއިން އެނގޭ ގޮތުގައި އެއްބަސްވުމާ އެއްގޮތަށް ޖާބިރު ދައްކާފައިވަނީ އެންމެ 100،000 ޑޮލަރެވެ. ބާކީ، 600،000 ޑޮލަރު ނުދައްކައި، އެ ފައިސާ ހޯދަން ގުޅުމުން ހުތުރު ބަހުން މުއާމަލާތްކޮށް، އެ ފައިސާ ނުދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ދައުވާގައި ވަނީ ތުހުމަތުކޮށްފައެވެ.

ދައުވާގައި ބުނެފައިވާ ގޮތުން ޖާބިރުގެ ހިއްސާ އޮންނަ ޖޭ ހޮޓެލްސް އެންޑް ރިސޯޓްސްއަށް މާލެ އަތޮޅުން ފަޅެއް ލިބުމުން އެއްބަސްވެފައިވަނީ އެ ފަޅު ވިއްކާލައިގެން ލިބޭ ފައިސާއިން ދަރަނި އަދާކުރާށެވެ.

އެކަމަކު، ފަޅު ވިއްކައިގެން 15 މިލިއަން ޑޮލަރު ލިބުމުން ދީފައިވަނީ އެއް ލައްކަ ޑޮލަރެވެ. ބާކީ، 600،000 ޑޮލަރު ދޫކޮށްފައެއް ނުވެއެވެ. އަދި، އެ ފައިސާ ހޯދަން ގުޅުމުން "ހުތުރު އެއްޗެހި ކިޔުމަށް ފަހު އެ ފައިސާ ނުދޭނެ ކަމަށް ބުނާ" ކަމަށް ދައުވާގައި ވަނީ ތުހުމަތުކޮށްފައެވެ.

އެހެންވެ، ފަޅު ވިއްކައިގެން ލިބުނު 15 މިލިއަން ޑޮލަރު ހުސްކޮށްލުމުގެ ކުރީގައި އެކައުންޓުތައް ފްރީޒްކޮށްދޭން ދައުވާގައިވަނީ އެދިފައެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ މައްސަލަ ނިމެންދެން ޖާބިރުގެ ނަމުގައި ހުޅުވާފައި ހުރި ބޭންކް އެކައުންޓުތަކުގެ އިތުރުން، އޭނާގެ މަސްލަހަތު ބޮޑު ބައެއް ކުންފުނިތަކުގެ އެކައުންޓުތައް ފްރީޒްކުރަން ވެސް އަމުރުކޮށްފައެވެ.

އެ އެކައުންޓުތަކުގައި 600،000 ޑޮލަރު ހުރި ނަމަ، އެ އަދަދަށް ފްރީޒް ކުރުމަށް ނުވަތަ އެެއަށް ވުރެ ކުޑަ އަދަދެއް ނަމަ، އެ އަދަދު އެއްކޮށް ފްރީޒްކުރަން ވަނީ އަމުރުކޮށްފައެވެ.

ސިވިލް ކޯޓުން ވަނީ ޖާބިރުގެ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުންޏާއި އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓެންޓު ޕްރައިވެޓު ލިމިޓެޑްގެ އެކައުންޓުތައް ފްރީޒްކުރަން އަމުރުކޮށްފައެވެ. އެ ކުންފުނިތަކާއި ޖާބިރުގެ އެކައުންޓުތައް ބޭންކު އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިސްލާމިކް ބޭންކްއާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާއާއި، ބޭންކް އޮފް ސިލޯނާއި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއާއި، ދަ މޮރިޝަސް ކޮމާޝަލް ބޭންކްއާއި، ހޮންކޮން އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަންގައި ވެސް ހުރެއެވެ. އެ ހުރިހާ ބޭންކަކަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް