އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން މަޖިލީހުން ތިން ނަމެއް ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ތިން މެމްބަރަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފަސް ބޭފުޅުންގެ ތެރެއިން، ލާމަރުކަޒީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ހުށަހެޅުއްވި ތިން ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާފައިވަނީ ދަފްތަރު 2864، އައިމިނަތު އަލީ އާއި މ. ލިލީސް، އަޒްހާ ޒަމީރު އާއި ގ. ހިމާލިޔާގެ، ފާތުމަތު ނިއުމާ އާއި ހ. ރައިޒިން ސަން، ފާތުމަތު ޒީނާ އަލީގެ އިތުރުން ބ. ކެންދޫ، ޝާޒީބިން، އައިޝަތު ޝީޒާއެވެ.

މީގެ ތެރެއިން ކޮމިޓީން އިންޓަވިއު ކުރިއަށް ގެންދިޔުމަށްފަހު މަޖިލީހަށް ފޮނުވީ ނިއުމާ އާއި އަޒްހާ އާއި ޒޫނާގެ ނަމެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތައް ފާސްކުރަން ވޯޓަށް ވަނީ އަހާފައެވެ.

އެގޮތުން މަޖިލީހުގެ ފަރާތުން ޖެންޑާ އީކުއަލިޓީ ދާއިރާއިން އެލްޖީއޭ ބޯޑަށް އައްޔަންކުރުމަށް ފާސްކޮށްފައިވަނީ އަޒްހާ ޒަމީރެވެ. އޭނާ އައްޔަން ކުރަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުން ވޯޓު ދެއްވިއެވެ.

އެއަށް ފަހު ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެލްޖީއޭ ބޯޑަށް ފާތިމަތު ނިއުމާ ފާސްކޮށްފައިވަނީ ވެސް 43 މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން މަދަނީ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި އެލްޖީއޭ ބޯޑަށް އައްޔަންކުރުމަށް ފާސްކޮށްފައިވަނީ ފާތުމަތު ޒީނާ އަލީއެވެ. އޭނާގެ ނަންވެސް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ ވޯޓުންނެވެ.

comment ކޮމެންޓް