އިންތިހާބުތަކުގައި އަޅުގަނޑު ވާދަކުރަނީ ގަދަވުމަށް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/މަޖިލިސް

ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރަނީ މޮޅުވުމަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ވާޗައުލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީވެސް ކާމިޔާބު ކުރައްވާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައްޔެއް ނުވާނެ. އަޅުގަނޑަކީ ގަދަވުމަށް އިންތުހާބުތަކުގައި ވާދަކުރާ މީހެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޕްރައިމަރީ އަކާ ނުލައި އެއްވެސް ބޭފުޅަކަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ނުލިބޭނެކަމަށެވެ.

"ޕްރައިމަރީ އަކާ ނުލާ އެމްޑީޕީގައި ޓިކެޓު ދެވޭ އުސޫލެއްް ނޯވޭ. ޕްރައިމަރީއަކާ ނުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވިފައިވަނީ އެމްޑީޕީން އަޅުގަނޑަށް ދިން ޓިކެޓް، ކޮންގްރެސްއެއް ބޭވުމަށްފަހު ހާއްސަ ހާލަތެއްކަމަށް ދެކި، އެހެން ގޮތަކަށް ނޯވޭ ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދެވޭނެ ގޮތެއް،" ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު ނަޝީދު ވަނީ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"އެމްޑީޕީގެ މެމްބަރުން އަބަދުވެސް ވެރިކަން ކުރުމަށް އެދޭ ގޮތް އެއީ،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް