މަހާޖައްރާފަށް ކެޕްޓަނެއް ހޯދަނީ، މުސާރައަކީ އެއް ލައްކަ ރުފިޔާ

އެއާޕޯޓް އަޅާ ބިން ހިއްކުމަށް އެމްޓީސީސީން ރާއްޖެ ގެނައި އައު ކޮންނަބޯޓު "މަހާޖައްރާފު" ފުނަދޫގައި ބަނދަރު ކުރުން: --- ފޮޓޯ/ ފުނަދޫ ކައުންސިލް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު މަހާޖައްރާފަށް ކެޕްޓަނެއް ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މަހާޖައްރާފު ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށް މޫސާރައިގެ ގޮތުގައި މަހަކު 109،000 ރުފިޔާ ލިބޭނެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން މި މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވާއިރު، މި މަގާމަށް އިންޓަވިއު ކުރަން އޮތީ މި މަހުގެ 12 ވަނަ ދުވަހާއި 24 ވަނަ ދުވަހާ ދެމެދުގައި ކަމަށް އެމްޓީސީސީގެ އިއުލާނުގައި ވެއެވެ.

މި ސަރަހައްދުގައިވެސް އޮތް އެންމެ ބިޔަ ކޮންނަ ބޯޓު ކަމަށްވާ މަހާޖައްރާފު ރާއްޖެ ގެނައީ 2017 އޮކްޓޫބަރު 25 ގައެވެ.

ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އައިއެޗްސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕާ ސަކްޝަން ޑްރެޖަރު، މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި މިއުޅަނދަށް އެއްފަހަރާ 3,700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ އެވެ.

މަހާ ޖައްރާފު ޑިޒައިންކޮށްފައި ވަނީ ދުވެލި ބާރު އަދި ތެލުގެ ހަރަދު ކުޑަވާނެ ފަދަ ޓެކްނޮލޮޖީއާ އެކު އެވެ. މިއީ ތިމާވެއްޓަށް ގެއްލުން ނުވާ ފަދަ ގޮތަކަށް ބިން ހިއްކުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއްވެސް މެއެވެ.

މަހާ ޖައްރާފު ރާއްޖެ ގެނައުމަށް ފަހު އެންމެ ފުރަތަމަ ހިންގި މަޝްރޫއަކީ ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތެވެ.

comment ކޮމެންޓް