މަންދީއަށް ހަމަލާ ދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މެމްބަރު މީކާއިލް އަހުމަދު ނަސީމް ގެ މަންމާފުޅު މަރިޔަމް ޒުބައިރު (މަންދީ) --

ބުރާސްފަތި ދުވަހު އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

"ސަަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަައިގައި ހައްޔަރުކޮށްފައިވާ 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އާއި އިތުރު މީހަކަށް ވެސް ބޮޑެތި ޒަހަމްތަކެއް ވަނީ ވެފައެވެ.

ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ މަންދީ ކުރި ޓްވީޓުގައި އޭނާ ވަނީ އޭނާއަށް ހަމަލާ ދިން މީހާއާ މެދު ހަރުކަށި ފިޔަވަޅެއް އެޅުމަށް ނޭދޭކަމަށް ބުނެފައެވެ. އަދި އެމީހާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް ވެސް ބުނެފައިވެއެވެ.

މަންދީ ކުރި ޓުވީޓުގައި އެ ހަމަލާ ދިން މީހާއަށް ހަމްދަރުދީވެ ވާހަކަދައްކާފައިވާއިރު އެމްޑީޕީން ރޭ ވަނީ އެ ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި ހަމަލާ ދިން މީހާއާ މެދު ތަހުގީގު ހިންގައި ފިޔަވަޅު އެޅުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ އެ ޕާޓީގެ ތެރޭގައި ހަމަނުޖެހުމާއި މާރާމާރީއަށް އޮތީ ޒީރޯ ޓޮލަރެންސްކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް