"އަޅުގަނޑުމެން މީޑިއާއާ ބައްދަލު ކޮށްލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ސާފު ޗެމްޕިއަންޝިޕަށް ދާއިރު 100 ޕަސަންޓް ދިވެހި ޓީމެއް މިއީ އަލަށް މިގޮތަށް ސާފް ޗެމްޕިއަންޝިޕެއްގައި ހަރަކާތްތެރިވާ،"މިއީ ގައުމީ ޓީމާ މިވަގުތު ހަވާލުވެ ހުރި ކޯޗު އަލީ ސުޒޭން ޓީމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލުކޮށް ފުރަތަމަ ބުނި ވާހަކައެވެ.
މީގެ ކުރިން ވެސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ސުޒޭނަށް މި ލިބުނު ޝަރަފަކީ މީގެ ކުރިން ދިވެހި ކޯޗަކަށް ލިބިފައި ނުވާ ހާއްސަ ޝަރަފެކެވެ. ދިވެހި ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކޯޗުންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ނަން ކިޔާލެވޭ ސުޒޭންއަށް ހަމަ ގައިމުވެސް މި ތަޖުރިބާ ވެގެން ދާނީ ތަފާތު އަދި ޗެލެންޗު ބޮޑު ތަޖުރިބާއަކަށެވެ. މި މުބާރާތަކީ އޭނާއަށް ފަސޭހަ މުބާރާތަކަށް ނުވާނެއެވެ.
ހާއްސަކޮށް ދިވެހި މެނޭޖްމެންޓެއްގެ ދަށުގައި މަސައްކަތް ކުރަން ލިބުމަކީ އޭނާ ދެކޭ ގޮތުގައި ޝަރަފަކަށްވުރެ ބޮޑު ޒިންމާއެއް ކަމަށް ވަނީ ބުނެފައެވެ. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމަށް ތަށި ދިފާއުކޮށްދޭން ދިވެހި ކޯޗުންގެ މި ވަރުގަދަ ޓީމު ނުކުންނަން އެފްއޭއެމްއިން ދިން ފުރުސަތުން ދޭހަވި އެއްކަމަކީ ދިވެހި ކޯޗުންގެ ކިބައިގައި ވެސް ފެންވަރު ހުރި ކަމެވެ. ދިވެހި ކޯޗުންނަށް އެންމެ އުސް ސަފުގައި ފައިތިލަ ސާބިތު ކުރެވޭނެ ކަމެވެ.
"މިކަން ދިވެހިންނަށް ނުކުރެވޭނެ ސަބަބެއް ނެތް. ސުޒޭން އެ ބުނިހެން އަޅުގަނޑުމެން ދިވެހި ރާއްޖެއަށް ކާމިޔާބު ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން، އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް މި ކޯޗިން ޓީމަށް. އަޅުގަނޑުމެން ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން (މިކަން) ކުރެވޭނެ ކަމަށް ގަބޫލުކުރާނީ،" ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އިސްމާއިލް މަހްފޫޒް (އިންމަ) ބުންޏެވެ.
ނިސްބަތުން ކުޑަ އަގުތަކެެއްގައި ދިވެހި ކުލަބުތަކުގައި ކޯޗުކަންކޮށްދިން ނަމަވެސް ރާއްޖޭގައި ހަރަކާތްތެރި މިވާ ގިނަ ކޯޗުންނަކީ އެތައް އަހަރެއްގެ ތަޖުރިބާހުރި ލައިސަންސް ލިބިފައިވާ ކޯޗުންނެވެ. އެހެން ނަމަވެސް މިވަގުތު 23 އަހަރުން ދަށުގެ ޒުވާން ގައުމީ ޓީމަށް ކޯޗެއް ހަމަނުޖެހި އޮންނަތާ މިވަނީ ދުވަސްތަކެއް ވެފައެވެ.
ކުރިން މަގާމުގައި ހުރި ސުޒޭން ސީނިއާ ޓީމާ ގުޅުނު ހިސާބުން ތޭވީސް އަހަރުން ދަށުގެ ޓީމުގެ ޓްރެއިނިންތައް ކުރިއަށް ގެންދަނީ އެޓީމުގެ އެސިސްޓަންޓް ކޯޗުން ކަމަށްވާ މުހައްމަދު ޝާހިދު (ޝާޑު)އާއި ސޮބާހު މުހައްމަދު (ސޮބާ)ގެ ބެލުމުގެ ދަށުންނެވެ.
ޒުވާން ޓީމުން މާދަމާ ތަމްރީންތަކަށް އަތޮޅު ތެރެެއަށް ފުރުމަށް އޮތީ ހަމަޖެހިފަ އެވެ. މިހާރު އޮތްގޮތުން ޅ. އަތޮޅު ޓްރެއިނިން ކޭމްޕްގައި ޓީމު ގިނަ ދުވަހު ތިބޭނީ ނައިފަރުގައެވެ. މެޗުތައް ކުޅެން ހަަމަޖެހިފައިވަނީ ނ. ކުޑަަފަރީ، ނ. ހޮޅުދޫ، ޅ. ނައިފަރު، ރ. މީދޫ އަދި ޅ.ހިންނަވަރުއާ ދެކޮޅަށެެވެ. މި މެޗުތަކަކީ ކޮލިފައިންގެ ކުރިން ޓީމު ރަނގަޅަށް އެކުލަވާލަން ބަލާއިރު ބޭނުން ހިފޭނެ މެޗުތަކެކެވެ.
ޔަގީނުންވެސް އިނގޭ އެއްކަމަކީ ސުޒޭންއަށް މި މެޗުތަކުގައި ބައިވެރިނުވެވޭނެ ކަމެވެ. އެހެން ކަމަށްވާއިރު އެ ޓީމަށް ދާއިމީ ނުވަތަ ރަމްޒީކޮށް ކޯޗެއް އައްޔަން ކުރުމަކީ އެފްއޭއެމުން ވީހާވެސް އަވަހަށް ކުރަން ޖެހިފައިވާ މުހިއްމު ކަމެކެވެ.
އެފްއޭއެމްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ކުރިއަށް އޮތް ކޭމްޕްގައި ޓީމް ލީޑު ކުރާނީ ސޮބާއެވެ. އެހެން ނަމަވެސް އަންނަ މަހު އޮތް މެޗުތަކުގައި ކޯޗަކަށް ހުންނާނީ ކާކުކަން އަދި ނޭނގޭކަމުގައި އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ.
"އަދި ހެޑް ކޯޗަކީ ހަމަ ސުޒޭން. މިވަގުތު ލީޑް ކުރާނީ ސޮބާ. އަދި ދެ ޓީމުގައި ވެސް ހުރީ ސުޒޭން. އޭތި އަދިވެސް ބަދަލެއް ނުކުރޭ." އެފްއޭއެމްގެ އޮފިޝަލް ވިދާޅުވިއެވެ.
އެފްއޭއެމްއިން ޒުވާން ޓީމް ބެލެހެއްޓުމަށް ސުޒޭންގެ ކުރިން ހަމަޖައްސާފައި ހުރީ ހޮލެންޑްގެ ރެނޭ ހިޑިންކާއެވެ. އެކަމަކު އޭނާ މަގާމުން ވަކިކޮށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުރި ސުޒޭންއަށް އެ ޒިންމާ ރަސްމީކޮށް ހަވާލުކޮށްފައި މާގިނަ ދުވަސްތަކެއް ނުވަނީސް ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ފަހުން ސުޒޭން އަންނަނީ ދެ ޓީމުގެ ކޯޗުކަން ކުރަމުންނެވެ.
ސުޒޭންއަށް ދެ ޓީމުގެ ޒިންމާ ހަވާލުކޮށްފައި ހުރި ނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް އޭނާ ދޭނީ ސީނިއާ ޓީމަށް ކަމަށް އޭނާ ބުނެފައިވާ އިރު، މި މަހުގެ 10 ވަނަ ދުވަހު އެ ޓީމާ އެކު ގަތަރުގައި ކޭމްޕް ކުރަން ދާން ވަނީ ހަމަޖެހިފައެވެ. އެ ކޭމްޕްގައި 18 ވަރަކަށް ދުވަސް ވާނެ ކަމަށް އެފްއޭއެމްއިން ބުނެފައިވާ އިރު، އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ ސާފް މުބާރާތް ނިމޭނީ އެ މަހުގެ 16 ވަނަ ދުވަހުއެވެ. އެހެން ކަމަށްވާ ނަމަ އެ މަހުގެ 23 ވަނަ ދުވަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންއަށް ސުޒޭން ޓީމާ ގުޅޭ ނަމަ އޭނާއަށް ލިބޭނީ ހަފުތާއެއްގެ ކުރު މުއްދަތެކެވެ.
އެފްއޭއެމްގެ މި ނިންމުމަށް ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކޯޗުންގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، ރާއްޖޭގައި މިވަގުތު ހުރި އެންމެ ފުންނާބު އުސް ކޯޗަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ބުނީ މުބާރާތަކާ ކުރިމަތިލާ އިރު ކޯޗެއް ނެތި ގައުމީ ޓީމެއް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
"އަޅުގަނޑަށް އެނގިގެން އެއްވެސް ކޯޗަކަށް އަދި 23 އަހަރުން ދަށުގެ ޓީމާ ހަވާލުވަން އަންގައިފައެއް ނުވޭ. އެކަމަކު މިހާރު ލަސް ވެސް ވެއްޖެ ކަންނޭންގެ އެކަމެއް ކުރަން." ކޯޗު ބުންޏެވެ.
ރާއްޖޭގައި އޭ ލައިސެންސް ހާސިލު ކޮށްފައިވާ ގިނަ ކޯޗުންތަކެއް ވެސް އުޅޭއިރު ސުވާލަކީ ދެ ޓީމެއް އެއް ކޯޗަކާ ހަވާލު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ. އަދި ސުޒޭންއަށް ދެ ޓީމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭނެ ބާވައެވެ.
ވިކްޓަރީ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ އަދި ވެލެންސިއާގައި ވެސް ދުވަސްތަކެއް ހޭދަކުރި ސުޒޭން ކޯޗިން ފަށާފައި ވަނީ 2002 ވަނަ އަހަރު ވިކްޓަރީގެ ބެންޗުންނެވެ. އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަދި ހެޑް ކޯޗެއްގެ ގޮތުން ސުޒޭން ވަނީ ވިކްޓަރީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.
ވިކްޓަރީން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު ސުޒޭން 2013 ވަނަ އަހަރު މަސައްކަތްކުރީ އެފްއޭއެމްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމްސްގެ މަގާމުގަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު މާޒިޔާއާ ހަވާލުވެ އަލުން ކޯޗިން އަށް ވަނެވެ. އޭނާ ވަނީ މާޒިޔާ އަށް މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ.