މާލޭގައި ބިން ނެތް ވާހަކައަކީ ދެކޮޅުޖެހޭ ވަހަކައެއް ނޫން: މުއިއްޒު

އޮގަސްޓް 30، 2021: މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ބިން ނެތްކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫންކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއިއްޒު "ސަން"އަށް ވިދާޅުވީ މާލެއިން މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި އަދިވެސް ގޯތި ދެވެން ވާނެކަަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެއާއި ގުޅީފަޅުން ވެސް ގޯތި ލިބެންޖެހޭނެކަމަށް ވިދާޅުވިއެވެ.

"މާލެއިން ގޯތި ދޭ ނަމަ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ސަރުކާރުގެ ބައެއް ކުންފުނިތަކަށް ދީފައި އެބަހުރި ބޮޑެތި ބޮޑެތި ބިންތައް، ބައިވަރު ކޮށިތައް، މި ތަންތަން އެބަޖެހޭ ހުސްކުރަން،" މުއިއްޒު ވިދާޅުވިއެވެ.

އޮގަސްޓް 30، 2021: މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައި ހުންނާނެކަމަށެވެ.

"މާލެ ތެރޭގައި އެބަހުރި ގާތްގަނޑަކަށް 19 ވަރަކަށް ކޮށި ހުސްކުރަން. އެ ކުންފުނިތަކަށް އިންޑަސްޓްރިއަލް ވިލެޖުން ބިން ދީފަ މަލްޓި ސްޓޯރީ ވެއާ ހައުސް އަޅަން ވަކި މުއްދަތެއް ދީފައި އެގްރީމަންޓު ހަދާފައި ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި ސަރުކާރުން އެ އެގްރީމަންޓުތައް ތަންފީޒުކުރި ނަމަ ކޮށިތައް މިއަދު ހުންނާނީ ހުސްވެފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެތައް ހެކްޓަރެއްގެ ބިން އެއީ. މާލޭގައި އެބަހުރި ބަންދުވެފައި ލޮކްއަޕްވެފައި އެހެން ބޭނުންތަކަށް. ސަރުކާރުގެ ބޭނުމަށް ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ނެތް ގޮތުގައި އެހެންވީމާ އެ ތަންތަން ހުސްކޮށްގެން މާލޭގައި އެބަހުރި ފްލެޓް ވެސް އެޅެން. ތަންކޮޅެއް ޒަމާނީކޮށް،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގުޅީފަޅުން މާލެ ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލައިގައި އަދިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އެ ކަށީގެންވާ ޖަވާބެއް ލިބިފައިނުވާކަމަށެވެ.

"ޖަވާބަކަށް ލިބެނީ ތިކަމާ މަޝްވަރާ ކުރާނަމޭ ބައްދަލުކުރާނަމޭ. ދުވަހަކު ވެސް އެ ކަމެއް ނުހިނގާ، ކޯޓަކަށް އަދި ނުދާނަން. އެކަމަށް ސަރުކާރުން އަދި އެއްބާރުލުން ދޭނެކަމަށް އަަޅުގަނޑުމެން މި ބަލަނީ،" މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު މާލޭ ރައްޔިތުން ބާކީކޮށްލައިފައިވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް