ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ---

ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް ނޫންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އޭގެ ޒާތުގައި ރަނގަޅު ނިޒާމެއް ކަމަށާއި އެ ނިޒާމް ރަނގަޅަށް މަސައްކަތްކުރާ ގައުމުތައްވެސް އެބަހުރި ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭތީ ކަންބޮޑުވަނީ މާޒީގައި ކަންކަން ހިނގާފައިހުރި ގޮތުން ކަމަށެވެ.

"މިސާލަކަށް ޕާލިމެންޓް ތެރޭގަ ކަންތައް ހިނގާފަ ހުރި ގޮތަށް ބަލާނަމަ އެކި ޕާޓީ ތަކުން އިންތިޚާބުވެ އެކި ގޮތްގޮތަށް ބަދަލުވެގެންގޮސް މަޖިލީހުގެ ދައުރުގެ ތެރޭގަ ޕާޓީވެސް އެބަ ބަދަލުވޭ. ޚިޔާލުތައްވެސް އެބަ ބަދަލުވޭ. ބަރުލަމާނީ ނިޒާމެއްގަ މަޖިލީހުގެ ތެރެއިން ވެރިކަން ކުރާއިރު މި ގޮތަށް ޚިޔާލު ބަދަލުވާ ކަމަށް ވާނަމަ ގައުމުގެ ސްޓެބިލިޓީއަށް ކިހިނެއްތޯ ވާނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ މިވަގުތަކީ ނިޒާމު ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި ދައުރުގެ މެދުތެރެއިން ނިޒާމު ބަދަލުކުރަން އުޅުމަކީ ވެސް ބުއްދި ހަމަޖެހޭ ބަޔަކު ކުރާވަރުގެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އާބާދީގައި ހަތަރު ލައްކަ ފަންސާސްހާސް މީހުން ދިރިއުޅޭ ގައުމެއްގައި ވެރިޔަކު ހޮވާއިރު ކޮންމެ ރައްޔިތަކަށްވެސް އާނއެކޭ ނުވަތަ ނޫނެކޭ ބުނުމުގެ އިޚުތިޔާރު އޮންނަންޖެހޭނެ ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންނަށް އެ ފުރުސަތު ނުލިބި ބޮޑުވަޒީރަކު ހޮވުމަކީ އިންސާފެއް ނޫން ކަމަށެވެ.

"ކޮންމެ މަހަކުން އެއްފަހަރު 6 މަހުން އެއްފަހަރު ވެރިކަން ބަދަލުވާ ނަމަ ކިހިނެއްތޯ ގައުމަށް ވެގެންދާނީ. ދެން މަޖިލީހަށް މި ހޮވެނީ 500 ވޯޓުންވެސް 400 ވޯޓުންވެސް. އަދި ވަރަށް ގިނަ އަދަދެއްގެ މީހުން ކުރިމަތި ލައިފިނަމަ 200 ވޯޓުންވެސް މަޖިލީހަށް ހޮވިދާނެ. ދެން އެހެން ހޮވޭ ބޭފުޅަކު ރާއްޖޭގެ ޕްރައިމް މިނިސްޓަރަކަށް ވެގެން ހުރިހާ ބާރުތަކެއް އެމީހާގެ އަތްދަށަށް ދާއިރުގައި އެމީހާއަކީ 200 ރައްޔިތުން ވޯޓު ދީފަ ހުރި މީހެއް،" ރޮޒެއިނާ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ރައީސް ނަޝީދަށް ތާއީދު ކުރާ ބަޔަކު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޕެޓިޝަނުގައި އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ސޮއިކުރައްވާފައެވެ

މިހާތަނަށް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައިވާ މެމްބަރުންނަކީ،

  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
  • ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
  • މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު
  • މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު
  • ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
  • ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  • ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ޕެޓިޝަންގައި ސޮއިކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. ޕެޓިޝަންގެ އަމާޒަކީ 100 ދުވަސް ތެރޭ، އެއްލައްކަ މީހުންގެ ސޮއި ހަމަކުރުމެވެ.

comment ކޮމެންޓް