ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލައިގެ ރިޕޯޓް ތަޅުމަށް

ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް -- ފޮޓޯ: ޕޮލިސް

ކުރީގެ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް މަގާމުން ރިޓަޔާ ކުރެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށްޓަކައި މަޖިލީހުގެ ރިޔާސަތަށް އެ ރިޕޯޓު ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ކޮމިޓީގެ މެމްބަރަކު "ސަަން" އަށް ވިދާޅުވީ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމާއެކު ފުލުހުންގެ ތެރޭގައި ޕްރޮފެޝަނަލް ސްޓޭންޑާޑްގެ މިންގަނޑު ބެލުމަކީ އޮތް ޒިންމާއެއްކަމަށެވެ. އަދި ޕޮލިިސް ބޯޑުން މައްސަލަތައް ބެލުމަށްފަހު އެއްވެސް މީހެއްގެ ހައްގަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މައްސަލައެއް ހިނގާފައިވާނަމަ އެ މީހެއްގެ ހައްގު ހޯދުމަށް މަސައްކަތް ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

"އެއްވެސް ބައެއްގެ ހައްގެއް ގެއްލިގެން، ގަސްތުގައި، ސިޔާސީ ގޮތަކުން ނުވަތަ އެނޫން ވެސް ގޮތަކުން ބަދަލު ހިފުމުގެ ވަކި ނިޔަތެއްގައި ކަމެއް ކުރަންޏާ އެޅެންޖެހޭ ފިޔަވަޅުތަކެއް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުުރުން ފުލުހުންގެ ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ވެސް ޕޮލިސް ބޯޑަށް ފުރުސަތު ދީގެން ނުވާނެކަމަށް އެ މެމްބަރު ވިދާޅުވިއެވެ. އަދި މިހާރު އަމަލުކުރެވެމުން އަންނަ ފުލުހުންގެ ގާނޫނާއެކު މި ފަދަ ނޭދެވޭ އަމަލުތައް ކުރުމަށް މަގުފަހިވާ އެންމެހާ ދޮރުތައް ބަންދުވެފައިވާކަމަށް ވިދާޅުވިއެވެ.

ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާއެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

comment ކޮމެންޓް