ހަމަލާ ދިނީ ސިޔާސީ ބޭނުމަކު ނޫން، މަސްތުވެގެން ހުރެ: މީކާއީލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައި ބަޔަކު ހިންގި މާރާމާރީއެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާ ދިނީ ސިޔާސީ ބޭނުމަކު ނޫން ކަމަށް މީކާއިލް ވިދާޅުވެެއްޖެއެވެ.

މަންމާފުޅަށް ދިން ހަމަލާއާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި މީކާއިލް ވިދާޅުވީ މިއަދު ދިން ހަމަލާއަކީ ސިޔާސީ ބޭނުމެއްގައި ދީފައިވާ ހަމަލާއެއް ނޫންކަ މަށެވެ. އަދި ބަޔަކު ރާވައިގެން ދިން ހަމަލާއެއް ވެސް ނޫންކަމަށެވެ.

"މިވަގުުތު މަންމަގެ ހާލު ވަނީ ސްޓޭބަލްވެފައި. އެންމެހާ ހެޔޮދުއާތަކަށް ޝުކުރުދަންނަވަން. މިއީ ބަޔަކު ރާވައިގެން އަމާޒުކޮށްގެން ދިން ހަމަލައެއްނޫން. ސިޔާސީ އެއްވެސް ބޭނުމަކު ދިން ހަމަލައެއް ނޫން،" މީކާއިލް ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވަނީ މި ހަމަލާ ދީފައިވަނީ މަސްތުގެ ހާލަތުގައި ހުރި މީހަކު، ޕާޓީގެ އޮފީސް ތެރޭގައި ހިންގި ހަމަނުޖެހުމެއްގައިކަމަށް ވިދާޅުވެފައެވެ.

ފުލުހުން ބުނީ އެ އޮފީސް ތެރޭގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު މިއަދު މެންދުރު 12:30 ހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ.

މާރާމާރީ ހިނގާފައިވާ ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް