އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި އިންމިއަށް ނުކުޅެވޭ

ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ އާ ބޫޓަން ބައްދަލުކުރި މެޗުގެ ތެރެއިން މެސީ--- ފޮޓޯ: ގޯލް ނޭޕާލް

އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގައި ޒުވާން ފޯވާޑް އިބްރާހިމް އިމްރާން (މެސީ)އަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.

"ސަން"އަށް މައުލޫމާތުދެމުން މެސީ ބުނީ އޭނާގެ ކަކުލުގެ ކާޓިލޭޖްއަށް އަނިޔާވެފައި ވުމުގެ ސަބަބުން ތިން މަސްދުވަހަށް އަރާމުކުރުމަށް ޑޮކްޓަރު އަންގާފައިވާ ކަމަށެވެ.

"މިހާރު ދެމަސް މިވަނީ ރެސްޓު ކުރާތާ އެއްވެސް ވަރަކަށް ނުކުޅެ. ތިން މަސް ވަންދެން ބަލާފަ ރިކަވާ ނުވަންޏާ އޮޕަރޭޝަން ކުރަން ޖެހޭނެ" އިމްމި ބުންޏެވެ.

ކުރީގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފާއިތުވެދިޔަ ސީޒަނުގައި ކުޅެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ.

އިސްކަނދަރު ސްކޫލުގެ ފުޓުބޯޅަ ޓީމުން ވިދާލި މެސީ ވަނީ އީޓީއެފްއޭ އެކްޑެމީގެ އިތުރުން ނިއު ރޭޑިއަންޓުގެ ޒުވާން ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ކްލަބް އީގަލްސް އާއެކު ފުރަތަމަ ޑިވިޝަނަގައި އެއްއަހަރު ހޭދަކުރުމަށްފަހު މެސީ ނިމިދިޔަ ސީޒަން ހޭދަކުރީ ޓީސީ ސްޕޯޓްސްގައެވެ.

މެސީ ވަނީ ގައުމީ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް މޮޅު ކުޅުމެއްދައްކާފައެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕުގެ 19 އަހަރުން ދަށުގެ އުމުރު ފުރާގައި ރާއްޖެއިން ލޯ މެޑަލް ހޯދުމުގައި މެސީގެ ދައުރު ބޮޑެވެ.

comment ކޮމެންޓް