އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސްގެ މަގާމަށް އަނަސް

އަނަސް އަބްދުއްސައްތާރު ----

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސަކަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އައްޔަންކޮށްފި އެވެ.

އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. އަލަށް އިންތިހާބު ކުރި އިސްތިއުނާފު މަޖިލީހުގެ އާ މެމްބަރުންގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިއަދުއެވެ. އަނަސް އެ މަގާމަށް ހޮވުނީ ހަ މެމްބަރުންގެ ވޯޓުންނެވެ.

އަނަސް ވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާފައެވެ.

އަނަސް އަކީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އަނަސް އަބްދުއްސައްތާރު މިހާރު ހުންނަވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

މި މަގާމަށް އައްޔަނުކުރުމުގެ ކުރިން އަނަސް އަދާކުރައްވާފައިވަނީ ވަކާލާތު ޗޭންބާސްގެ މެނޭޖިންގް ޕާޓްނަރުގެ މަގާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

comment ކޮމެންޓް