ލައްކައަކަށްވުރެ ބޮޑު ގެއްލުމެއް، ދިރިއުޅުން އަލުން ފަށަން މަޖުބޫރުވެފައި

ރޭ ހުޅުމާލޭ 127 ފްލެޓުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ -- ސަން ފޮޓޯ

"ހަމަ އަލުން ދިރިއުޅުން ފަށަން ޖެހިފައި މިއޮތީ، ވަރަށްވެސް ދެރަ،" މާޔޫސްކަމާއެކު އެ ހާދިސާގައި ރޯވި ފްލެޓްގައި އުޅޭ މީހަކު "ސަން"އަަށް ކިޔައިދިނެވެ.

ރޭ ހުޅުމާލެ ފްލެޓް 147 ގައި ރޯވި ހަބަރަކީ އާންމުންގެ އެތައް ބައެއްގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ ހާދިސާއެވެ. އިރުއޮއްސި އަނދިރިވެ 7:20 ހާއިރު އެ ފްލެޓުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ކުއްލި ސިހުމެއް ގެނުވީ ފްލެޓްގެ ކޮޓަރިއެއްގައި ރޯވެ، ހާސްކަމާއެކު ގުގުމާލި ހަޅޭކުގެ އަޑުންނެވެ.

ހުޅުމާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ފްލެޓް 147 ގެ ކޮޓަރިއެއް -- ސަން ފޮޓޯ

މި ހާދިސާގައި ގެއްލުން ލިބުނު ފަރާތުން ބުނީ މިއީ އެ މީހުންނަށް ލިބުނު ބޮޑު ގެއްލުމެއްކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ އަންދާޒާކޮށްލާކަަށް ވެސް. ހަމަ ވަރަށް ބޮޑު ގެއްލުމެއް މިއީ، ލައްކައަކަަށްވުރެ އަގު މަތިވާހެން ގިނަ އިލެކްޓްރޯނިކް ސާމާނު އަނދާ ހުލިވެފައިވަނީ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ލަފާކުރެވޭ ގޮތުގައި ގެއްލުމުގެ ޖުމްލަ އަގު ގާތްގަނޑަކަށް ދެ ލައްކައަށްވުރެ މަތިވާނެކަމަށެވެ. އަދި ލިބުނު ގެއްލުމާއެކު ދިރިއުޅުން އަލުން ފަށަން ޖެހިފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި 147 ނަންބަރު ފްލެޓުގެ ތިންވަނަ ބުރިއަށް ވެސް ވަނީ ގެއްލުންވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުންވެފައެއް ނުވެއެވެ.

މި ހާދިސާގައި އެ ގޭގެ ދެވަނަ ބުރީގެ ދެ އެޕާޓްމަންޓަށާއި އެ ދެ އެޕާޓްމަންޓުގެ މަތިން ތިންވަނަ ބުރީގެ ދެ އެޕާޓްމަންޓަށް ވެސް ވަނީ ގެއްލުންވެފައެވެ.

މި ހާދިސާގައި ރޯވި ފްލެޓުގެ މީހުންނަށް މި ވަގުތު ތިބީ ނޭޝަނަލް ޑިޒްއާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ވަގުތީ ހިޔާގައެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހިސާން ހަސަން "ސަން" އަށް ވިދާޅުވީ މި ހާދިސާގައި ގެއްލުން ލިބިފައިވާ ފަރާތަށް ތިން ދުވަހުގެ މުއްދަތަކަށް އެ އޮތޯރިޓީގެ ފަރާތުން ބޯހިޔާވަހިކަމުގެ އިތުރުން އަސާސީ ހިދުމަތް ލިބިގެންދާނެކަމަށެވެ.

އަދި ތިން ދުވަހަަށްފަހު ވެސް އިތުރު އެހީތެރިކަން ބޭނުން ނަމަ އެ އެހީތެރިކަމެއް ވެސް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

comment ކޮމެންޓް