ވަރިވިޔަސް ކިމްގެ ނަމުގެ ފަހަތުގައި "ވެސްޓް" ބައިންދާނެ

ކިމް ކާޑޭޝިއަން—

ރިއާލިޓީ ތަރި ކިމް ކާޑޭޝަން ވެސްޓްއާއި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވަރިވި ނަމަވެސް، ކިމްގެ ނަމުގެ ފަހަތުގައި "ވެސްޓް" ބޭންދުމަށް އޭނާ ނިންމައިފިއެވެ.

ކިމްގެ ނަމުގެ ފަހަތަށް "ވެސްޓް" އިތުރު ކުރީ ކިމް އާއި ކާންޔޭގެ ކައިވެންޏަށް ފަހުގައެވެ. 2014 ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅުނު މި ދެފަންނާނުން ވަރިވާކަމުގެ އަޑުތައް ފެތުރުނީ މި އަހަރުގެ ކުރީކޮޅުގައެވެ.

އަދި އެހިސާބުން ބެލެވިފައި އޮތީ ދެން ކިމްގެ ނަމަކަށް ވާނީ ކުރިންވެސް އޮތް ގޮތަށް 'ކިމް ކާޑޭޝަން' ކަމަށެވެ. ނަމަވެސް ކިމްނެ ނަމުގެ ފަހަތުގައިވާ "ވެސްޓް" ބައިންދަން އޭނާ ނިންމާފައި މިވަނީ، ހަތަރު ދަރިންގެ ނަމުގެ ފަހަތުގައިވެސް "ވެސްޓް" އިންނާތީ، ދަރިންނާ އެއްގޮތް ކުރުމަށެވެ.

ނަމަވެސް ކެންޔޭ ވަނީ އޭނާގެ ނަން ބަދަލުކުރަން ނިންމާފައެވެ. އެގޮތުން 'ކެންޔޭ ވެސްޓް' ގެ ބަދަލުގައި ކެންޔޭ ބޭނުންވަނީ "ކެންޔޭ އޮމަރީ ވެސްޓް" ކިޔާށެވެ.

ގާނޫނީ ލިޔުންތަކުގައި ކެންޔޭ ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ނަން ބަދަލު ކުރަނީ އަމިއްލަ ސަބަބުތަކަކަށް ޓަކައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

ގާނޫނީގޮތުން މީހަކު ނަން ބަދަލުކުރަން ބޭނުންނަމަ ކެލިފޯނިއާގައި ޖެހެނީ ފަނޑިޔާރަކު ސޮއިކުރާށެވެ.

ކިމްއާއި ކޭންޔާގެ ގުޅުމާމެދު މިހާރު ދެކެވޭ ވާހަކަ އަކީ، ދެތަރިންގެ ދެމެދުގައި އޮތީ އެކުވެރިކަމުގެ ގުޅުން ކަމަށެވެ. އަދި އަލުން ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވާކަމަށެވެ.

އެ ދެމެދުގައި ނުރުހުރާއި ރުޅިވެރިކަމެއް ނެތެވެ. އޭގެ ހެއްކަކީ، މި ހަފްތާތެރޭގައި ކެންޔޭ ދިން ކެއުމުގެ ދައުވަތު ކިމް ގަބޫލު ކުރުމެވެ.

ރިޕޯޓްތައް ބުނާގޮތުން، ކިމްގެ ވިޔަފާރީގައި ކެންޔޭ ދޭ އިރުޝާދާއި ނަސޭހަތް މިހާރުވެސް ކިމް ގަބޫލުކުރެއެވެ.

comment ކޮމެންޓް