ގޭގެއާއި ވެހިކަލްތަކުގައި ކެމެރާ ހަރުކޮށްގެން ސިއްރުން ބެލުމުގެ ބާރު ފުލުހުންނަށް ދީފި

މެއި 13، 2021: ގޭގެއާއި ވެހިކަލްތަކުގައި ކެމެރާ ހަރުކޮށްގެން ސިއްރުން ބެލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ވަކި މީހަކު ދިރިއުޅޭ ގެއެއް ނުވަތަ ގެންގުޅޭ އުޅަނދެއްގައި ކެމެރާއާއި އަޑުއެހޭނެ ވަސީލަތްތައް ހަރުކޮށްގެން، އެމީހަކަށް ނޭނގޭގޮތަށް ސިއްރުން މޮނިޓާ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

'ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދު' ގެ ނަމުގައި އެކުލަވާލައި އަމަލުކުރަންފެށި ގަވާއިދުގައިވާ ގޮތުން، ވަކި މީހަކު ކުރާ ކަންކަމާއި، ބައްދަލުކުރާ މީހުންނާއި، ދާ ތަންތަން ދެނެގަތުމަށްޓަކައި، އޭނާއަށް ނޭނގޭގޮތަށް އޭނާ މޮނިޓަރ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭނެއެވެ.

އެގޮތުން ވަކި މީހަކު ދިރިއުޅޭ ގެއެއްގައި ނުވަތަ އޭނާ ބޭނުންކުރާ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމަށް ނުވަތަ ބެލުމަށް ކެމެރާއާއި އަޑުއެހޭނެ ވަސީލަތްތައް ގާއިމްކޮށް، އެ ގެއެއްގައި ނުވަތަ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމާއި، މަންޒަރު ރެކޯޑުކުރުމާއި، ބެލުމުގެ ބާރު ފުލުހުންނަށް ލިބޭނެއެވެ.

އަދި ވަކި މީހަކާ ގުޅުމެއް އުފައްދައިގެން އެ ގުޅުމުގެ ތެރެއިން ކުރެވޭ ސުވާލުންނާއި ލިބޭ މައުލޫމާތުން ތަހުގީގަށް ބޭނުންވާ ކަންކަން ހޯދޭނެއެވެ.

އޭގެ އިތުރުން އެ ގަވާއިދުގެ ދަށުން، ފުލުހުން ތަހުގީގުކުރަމުންދާ ވަކި ބާވަތެއްގެ ކުށަކާ ގުޅިގެން ހާއްސަ ތަހުގީގު ހިންގުމަށް އުކުޅެއް ބޭނުންކުރުން ގާނޫނަކުން ކަނޑައެޅިގެން ހުއްދަކޮށްފައިވާ ހާލަތުގައި އެފަދަ ކުށެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ މީހާ އެކަން ކުރަމުން ދަނިކޮށް ހެއްކާއެކު އަތުލައިގަތުމުގެ ގޮތުން ސްޓިންގް އޮޕަރޭޝަން ހިންގޭނެއެވެ.

ހަމައެހެންމެ ތަހުގީގަށް ބޭނުންވެއްޖެ ހިނދެއްގައި މުވާސަލާތީ ވަސީލަތްތަކާއި، ސިޓީއާއި، ލިޔުމާއި، އީމެއިލާއި، ފޯނު މެދުވެރިކޮށް އޭނާ ހިންގާ މުއާމަލާތްތައް ހޯދައި ބެލުމާއި އަޑުއެހުމުގެ ބާރުވެސް ފުލުހުންނަށް ލިބޭނެއެވެ.

އެހެންނަމަވެސް ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރަންވާނީ ކޯޓު އަމުރުގެ ދަށުން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

comment ކޮމެންޓް