ބްރިޖުގެ އަމަލީ މަސައްކަތް ތިން މަސް ތެރޭ ފެށޭނެ: ޕްލޭނިން މިނިސްޓްރީ

ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

ތިލަމާލެ ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން ވަރަކަށް މަހުގެ ތެރޭ ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން" އަށް ވިދާޅުވީ ބްރިޖުގެ އެގްރީމަންޓުގައި މިހާރު ރަަސްމީކޮށް ސޮއި ކުރެވިފައިވުމާއެކު އެންމެ ބާރަށް ކުރިއަށް ދަނީ އަމަލީ މަސައްކަތް ފެށުމުގެ މަސައްކަތްކަމަށެވެ.

"ގާތްގަނޑަކަށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ މަސައްކަތް ފެށިގެން ދާނެ. ވަރަށް ބާރަށް އެ ކަން ކުރިއަށް ދަނީ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ ބްރިޖުގެ މަސައްކަތް ތާވަލާ އެެއްގޮތަށް ކުރިއަށްދާކަމުގައިވާ ނަމަ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

"މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާނެ. އުންމީދަކީ ހަަމަ ކޮންޓްރެކްޓާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސް އަވަހަށް ބްރިޖު އެޅިގެން ދިޔުން،" އަކްރަމް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖަކާއި ކޯޒްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް