ދިވެހި ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމަކީ ޝަރަފެއް ނޫން ކަމަށާއި ގައުމީ ޓީމުގެ ކޯޗުގެ މަގާމަކީ ބޮޑު ޒިންމާއެއްގެ ގޮތުގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ސިފަކޮށްފިއެވެ.
ގައުމީ ޓީމާ ހަވާލުވުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ގައުމީ ޓީމުގެ ކޯޗުގެ މަގާމަކީ ޝަރަފެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ހަތަރު މީހުން މިހަވާލުވީ ޝަރަފުވެރި ކަމެއް ކުރާކަށް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑު ޒިންމާއަކާ މިހަވާލުވީ. މިޒިންމާގަ ގޮސް އެހިސާބަށް ދެވުނީމާ އެއީ ޝަރަފަކަށް ވާނީ" ސެޒޭން ބުންޏެވެ.
ސުޒޭން ސިފަކުރާ ގޮތުގައި ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ހުރެ ސާފް ޗެމްޕިއަންޝިޕު ކާމިޔާބުކުރުން އެއީ ލިބޭނެ ޝަރަފެކެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމާ ހަވާލުވުމަކީ ޝަރަފުވެރި ކަމެއް ނޫންނެވެ. އެއީ ޒިންމާއެކެވެ.
ދިވެހި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަކީ ޒަމާނުއްސުރެ ދިވެހި ކޯޗުންނާ ދުރު ޓީމެކެވެ. ގައުމީ ޓީމުގައި ދިވެހިންނަށް މީގެ ކުރިން އޮތީ މަދު ފުރުސަތުތަކެވެ.
ސުޒޭން ގަބޫލު ކުރާ ގޮތުގައި މިފުރުސަތަކީ މިކަން ބަދަލުކުރަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އެހެންކަމުން މީހާރުގެ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ކުރިމަތީގައި އޮތީ ބޮޑު ޒިންމާއެއް ކަމުގައި އޭނާ ދެކެއެވެ.
މުސްތަގުބަލުގައި ދިވެހި ކޯޗުންނަށް ފުރުސަތު ހޯދައިދިނުމަށް ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕުގައި ރަނގަޅު ނަތީޖާއެއް ނެރުން މުހިންމެވެ.
ފާއިތުވެދިޔަ 30 އަހަރު ވެސް ދިވެހިންނަށް ފުރުސަތެއް ނެތް!
ގައުމީ ޓީމުގެ ކޯޗުންގެ ގޮތުގައި މަސައްކަތްކުރި ކޯޗުންނަށް ބަލާއިރު ފާއިތުވެދިޔަ 30 އަހަރުވެސް ގައުމީ ޓީމު ބަރޯސާ ވެފައި އޮތީ ބިދޭސީންނަށެވެ.
1993 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަށް ސުޒޭންގެ އިތުރުން ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރީ އެންމެ ދިވެހި ކޯޗެކެވެ. އެއީ 2015 އަދި 2016 ވަނަ އަހަރު ވަގުތީ ގޮތުން ގައުމީ ޓީމާ ހަވާލުވި އިސްމާއިލް މަހްފޫޒް (އިންމަ)އެވެ. މިއަދު އިންމަ ހުރީ ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗުގެ މަގާމުގައެވެ.
2016 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗުގައި އިންމަ ވަނީ ގައުމީ ޓީމަށް އިރުޝާދު ދީފައެވެ.
ނަމަވެސް ބޮޑު މުބާރާތަކާ ގައުމީ ޓީމު ކުރިމަތިލިއިރު މީގެ ކުރިން ދިވެހި ކޯޗެއްގެ އިރުޝާދުގެ ދަށުން ނިކުމެފައި ނުވެއެވެ. އެހެން ކަމުން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް މި މުބާރާތުގައި ނަތީޖާ ނެރުން މުހިންމެވެ.
ރާއްޖޭގެ ކޯޗުންނަށް ބަލާއިރު މަތީ ފަންތީގެ ކޯޗިން ސަނަދު އޮތް ކޯޗުން އެބަތިއްބެވެ. ސަރަހައްދީ ލެވެލުގައި ބެލިޔަސް ދިވެހި ކޯޗުންގެ ފެންވަރު ރަނގަޅެވެ.