ކްރޮސްރޯޑްސްއަންނަ ބުދަ ދުވަހު އަލުން ހުޅުވާލަނީ

ކްރޮސްރޯޑްސް ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ބަންދު ކުރުމަށް ފަހު އަންނަ މަހުގެ އެކެއްގައި ހުޅުވާލާނެ -- ފޮޓޯ: ކްރޮސްރޯޑްސް

އެނބޫދޫ ފިނޮޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް އަންނަ ބުދަ ދުވަހު އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ މެދުތެރޭގައި ބަންދު ކުރި ކްރޮސްރޯޑްސް އާއްމުންނަށް ހުޅުވާލާނީ ހެނދުނު 11:00އިން ރޭގަނޑު 11:00އަށެވެ. އަދި އެތަނަށް ދިޔުމުގެ ކުރިން ކްރޮސްރޯޑްސް މޯލްޑިވްސް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އެޕްލިކޭޝަނުން މާދަމާއިން ފެށިގެން ޓިކެޓް ބުކް ކުރެވޭނެއެވެ. އަދި ދިވެހިންނަށާއި ބިދޭސީންނަށްވެސް ދެކޮޅުގެ ފެރީ ދަތުރަށް ނަގާނީ 160 ރުފިޔާއެވެ. ނަމަވެސް 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ 80 ރުފިޔާއެވެ.

ކްރޮސްރޯޑްސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ރިސޯޓު އަލުން ހުޅުވާލަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގަވާއިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާފައެވެ.

އެގޮތުން މިހާރު ކްރޮސްރޯޑްސްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޓެމްޕަރޭޗާ ސްކްރީން ކުރާ ތަންތަން ގިނަ ކުރުމާއި ޑިސްއިންފެކްޓު ކުރާ މިންވަރު އިތުރު ކުރުން ހިމެނެއެވެ.

comment ކޮމެންޓް