ބަތަލާ އަނީތާ ރާއްޖޭގައި!

ބަތަލާ އަނީތާ އާ ފިރިމީހާ ރޯހިތު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް---

ދާދިފަހުން އެކްޓިން ދާއިރާއިން ބްރޭކެއް ނެގި ބަތަލާ އަނީތާ ހަސަނަންދާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެއެވެ.

ބޮލީވުޑްގެ ފިލްމުތަކުންނާއި ޓީވީ ސީރީޒްތަކުން ފެންނަ ކުޅަދާނަ ބަތަލާ އަނީތާ ރާއްޖެ އައީ އޭނާގެ ފިރިމީހާ ރޯހިތު ރެޑީގެ އިތުރުން ދެމަފިރިންގެ ދަރިފުޅާއެކުގައެވެ.

މި ކުޑަ އާއިލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮކޯ ޕާމް ބޮޑު ހިތީގައެވެ. އެ ރިސޯޓުުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މިއީ ސްޓާޕްލަސް އިން ކުރިން ދެއްކި ހިންދީ ޑްރާމާ "ޔޭ ހޭ މޮހޮއްބަތައިން"ގެ ޝަގުން ރޯލު ކުޅެގެން އާންމުންގެ ލޯބި ހޯދާފައިވާ އަނީތާ އާއި އޭނާގެ ފިރިމީހާ ރޯހިތު ރެޑީ ގެ ކައިވެންޏަށް ހަތް އަހަރު ފަހުން ލިބުނު ދަރިފުޅާއެކު ކުރި ފުރަތަމަ އިންޓަނޭޝަނަލް ދަތުރުވެސްމެއެވެ.

ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ބަތަލާ އަނީތާ އަކީ މޮޑެލް ކުރި މީހެކެވެ. "އެވަރޔޫތު" އަދި "ބޯރޯޕްލަސް" ފަދަ ބްރޭންޑުތަކުގެ މޮޑެލް އެއްގެ ގޮތުގައި ފެނުމަށް ފަހު ފިލްމީ ދާއިރާ އަށް ނުކުތީ 2001 ވަނަ އަހަރު މެޓްރޯ ގޯލްޑް އިން ދައްކަން ފެށި ޑްރާމާ، "ކަބީ ސޯތަން، ކަބީ ސަހޭލީ" އިންނެވެ.

ބޮލީވުޑް ފިލްމަކަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ 2003 ވަނަ އަހަރު ނުކުތް ތުރިލާ ފިލްމު، "ކުޗް ތޯ ހެއި" އިންނެވެ. އެއަށް ފަހު އަނީތާ ވަނީ "ކްރިޝްނާ ކޮޓޭޖް"، "ޔޭ ދިލް" އަދި "ކޮއި އާޕްސާ" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

ބޮލީވުޑް ފިލްމުތަކަށް ފަހު ދެން ވެސް އަނީތާ ފެނިގެން ދިޔައީ 2005 ވަނަ އަހަރު ސްޓާ ޕްލަސް އިން ދައްކަން ފެށި ކާމިޔާބި ޑްރާމާ "ކާވިއަންޖަލީ" އިންނެވެ. އެ ޑްރާމާގައި އޭނާ ކުޅުނު "އަންޖަލީ"ގެ ރޯލަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

comment ކޮމެންޓް