ރައްޔިތުން ބަރުލަމާނީ ނިޒާމު ބޭނުންވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ބަރުލަމާނީ ނިޒާމް ބޭނުންވާތީ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ބަރުލަމާނީ ނިޒާމް ރާއްޖެ ގެންނަން ރައީސް ނަޝީދު ބޭނުންވާތީ ރައްޔިތުންގެ ގިނަބަޔަކު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާނެ ކަމަށެވެ.
"އިއްޔެ އަޅުގަނޑާއި ބޮންޑޭ އާ ދެމީހުން ބައެއް ގޭގެއަށް ޒިޔާރަތް ކުރިން. ވަރަށް ގިނަ ގޭގެއިން ބުނި ރައީސް ނަޝީދުގެ ފަރާތުން އެދިއްޖެއްޔާ ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ. ރައީސް ނަޝީދު ބެނުންވާތީ ގިނަ ބަޔަކު ބަރުލަމާނީ ބޭނުން މިވަނީ. އެއްވެސް ޔަގީން ކަމެއް ނެތް ރައީސް ނަޝީދު ކަމެއް ހޮވޭނީ. އެކަމަކުވެސް ރައީސް ނަޝީދު ތާއީދު ކުރާ ނިޒާމެއްވީމަ ގިނަ ބަޔަކު ތާއީދު ކުރަނީ،" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އޭނާވެސް ވަރަށް ކުރިން ފެށިގެންވެސް ތާއީދު ކުރާ ނިޒާމެއް ކަމަށެވެ.
އިއްޔެ ކުރިއަށް ދިޔަ ގޭގެއަށް ޒިޔާރަތް ކުރުމުގެ ހަރަކާތާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) "ސަން"އަށް ވިދާޅުވީ ރަސްމީ ކޮށް ޑޯޓުޑޯގެ ހަރަކާތް ނުފަށާ ކަމަށެވެ.
"އަދި ރަސްމީކޮށް ޑޯޓުޑޯ ނުފަށަން. އެއީ މަގުމަތިން ކުޑަކޮށް މީހުންނާ ވާހަކަ ދައްކާލާ ހަދާލީ. ޑޯޓުޑޯ އަދި ރަސްމީކޮށް ފައްޓާނަން، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ ފެށޭނެ ކަމަށް މި ބަލަނީ،" ބޮންޑޭ ވިދާޅުވިއެވެ.
މިހާތަނަށް ބަރުލަމާނީ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރުން ވަނީ ސޮއި ކުރައްވާފައެވެ.
ސޮއިކުރުން ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ސޮއިކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު ފަހުން ހާމަކުރާނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.