މަޖިލިސް މެމްބަރުންތަކެއް ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ހިންގާ އާންމު ޕެޓިޝަނެއްގައި ސޮއި ކުރުމަކީ ވަރަށް "ހެއްވާ" ކަމެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ މިރޭ "ސަން" އަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ސިޔާސީ ގޮތުން މަޖިލީހަށް ހޮވިފައި ތިބި މަޖިލިސް މެމްބަަރުން އާންމު ޕެޓިޝަނެއްގައި ސޮއި ކުރުމަކީ ހެއްވާ ކަމެއްކަމަށާއި ޕެޓިޝަނަކީ އާންމު ރައްޔިތުން ކަމަކަށް ބަދަލު ގެންނަން ބޭނުންވެއްޖެނަމަ ސޮއި ކުރާ އެއްޗެއްކަމަށެވެ.
"މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއި ކުރަން ޖެހުނީމަ ދެން އެއީ ވަރަށް ހެއްވާ ކަމެއް ނޫންތޯ. ޕެޓިޝަން އަކީ އާންމު ރައްޔިތުން ކަމެއް ބޭނުންވެގެން މަޖިލީހަށް ހުށަހަޅާ އެއްޗެއް މަޖިލީހުގެ މެމްބަރެއް މެދުވެރި ކޮށްގެން،" އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ މަޖިލިސް މެމްބަރުންގެ މައްސަލައެއް އޮތިއްޔާ ސީދާ މަޖިލީހަށް ހުށަހެޅޭނެކަމަށާއި ޕެޓިޝަނެއްގައި ސޮއި ކުރުމުން ސިފަވަނީ "ކާޓޫނެއް" ކުޅުން ކަހަލަ ކަމެއްގެ ގޮތުގައެވެ.
"ޕެޓިޝަން ހަދާނީ އާންމު ރައްޔިތުން ކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ބޭނުންވީމަ. ރައްޔިތުން މަޖިލީހުގެ މެމްބަރުންނަކީ ގާނޫނީ ހައިސިއްޔަތު އޮންނަ ބައެއް މަޖިލީހަށް އެއްޗެހި ހުށަހަޅަށް. ސަރުކާރާއިވެސް އެމީހުންގެ ސުވާލެއް އޮތިއްޔާ ވަޒީރުންވެސް މަޖިލީހަށް ހާޒިރުކޮށްގެން ސުވާލު ކުރެވޭނެ އެއްނުންތޯ؟ މަޖިލީހަށް ހުށަހަޅައިގެން ތަޅުމުގައި އެޖެންޑާ ކޮށްގެން ކުރިޔަށް ގެންދެވޭނެ އެއްނުންތޯ،"
"ދެން ޕެޓިޝަނެއްގައި މަޖިލިސް މެމްބަރުން ސޮއި ކުރަންވީ ސަބަބެއް ނުފެނޭ. ވަރަށް ހެއްވާ ކަމަކަށް އަޅުގަނޑަކަށް އެކަން ވަނީ. މަޖިލީހަށް ހުށަހަޅަން ޖެހޭ އެއްޗެހި މަޖިލިސް މެމްބަރުން ޕެޓިޝަނެއްގައި ސޮއިކުރުމަކީ ކާޓޫނެއް ކުޅުން ކަހަލަ ކަމެއްނުންތޯ؟" އިބްރާ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކީ ތާއީދު ކުރެވޭ ކަމެއްނޫން، ފައިދާއެއް ނުވާނެ!
އިބްރާ ވިދާޅުވީ ރައްޔިތެއްގެ ހައިިސިއްޔަތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަރުލަމާނީ ނިޒާމު ފަދަ ބޮޑު ބަދަލެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.
"އަޅުގަނޑު ރައްޔިތެއްގެ ހައިސިއްޔަތުން، ސިޔާސީ ކަންކަމުގައި އުޅެ، ގާނޫނު އަސާސީ އެކުލަވާލުމުގައި ހަރަކާތްތެރިވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެއްގޮތަކަށްވެސް ތާއީދު ކުރެވޭ ކަމެއްނޫން އެއީ ރާއްޖޭގައި މިއޮތް ދައުލަތް ހިންގުމުގެ ނިޒާމަށް އެހާ ބޮޑު ބަދަލެއް ގެނައުމަކީ. ގައުމަށް މާބޮޑު ފައިދާތަކެއް ކުރާނެ ކަމެއް ނޫން އެއިކީ. އެކަމަކު ގައުމަށް ވަރަށް ބޮޑު ހަލަބޮލި ކަމެއް އައިސް ގިނަ ގެއްލުން ތަކެއް ލިބޭނެ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ"
"ބަރުލަމާނީއަކަށް ބަދަލުކުރަންޔާ މިހާރު އޮތް ގާނޫނު އަސާސީ އެއްލާލާފަ އަލުން ބަލުން މުޅިން އެހެން ގާނޫނު އަސާސީއެއް ލިޔަން ޖެހޭނީ. އެވަރުގެ ކަމެއް ކުރަންވީ ވަގުތެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އިބްރާ ވިދާޅުވިއެވެ.
އިބްރާ އަބުރާ ސިޔާސީ މައިދާނުން ފެނިިދާނެތޯ "ސަން" އިން ސުވާލު ކުރުމުން އިބްރާ ވިދާޅުވީ "ގިތެޔޮ އެޅި ގުޅިއަކުން ވަހެއް ނުކެނޑޭނެ،" އެއީ އެ ސުވާލުގެ ޖަވާބުކަމަށެވެ.
މިހާރު އެމްޑީޕީގެ އިސް ބައެއް މެމްބަރުންތަކެއް ހިމެނޭ ގޮތަށް ކުރިޔަށް ގެންދާ ބަރުލަމާނީ ނިޒާމުގެ ޕެޓިޝަނުގައި ޖުމްލަ 15 މަޖިލިސް މެމްބަރުން ވަނީ ސޮއި ކޮށްފައެވެ. އަދި އެކަމާ ގުޅިގެން ޑޯ ޓު ޑޯ ކެމްޕޭނުތަކެއްވެސް މިހާރު ވަނީ ފަށައިފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ވަނީ އެ ޕެެޓިޝަނަކީ އެމްޑީޕީއިން ކުރާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.