ޕޮޒިޓިވް ހަތަރު ކޭސްއާއެކު މިލަންދޫ މޮނިޓަރިންއަށް

މިލަންދޫ ސްކޫލުގެ އިމާރާތް --

ށ. މިލަންދުއިން ޕޮޒިޓިވް ކޮވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

މިލަންދޫ ކައުންސިލް ރައީސް އަބްދުﷲ އާތިފް "ސަން" ވިދާޅުވި ގޮތުގައި އެރަށުން ޕޮޒިޓިވްވީ ޖުމްލަ ހަތަރު ކޭސްއެވެ. އަދި އޭގެ ތެރެއިން ތިން ފަރާތަކީ ކުޑަކުދިންކަމަށް އާތިފް ވިދާޅުވިއެވެ.

"ސްކޫލަށް ދާ އުމުރުގެ ތިން ކުދިން ހިމެނޭ، އެ ކުދިން ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކީމަ، އިތުރު އެހެން ކޭސްއެއް ނެތް އަދި ރަށުގަ،" އާތިފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އާތިފް ވިދާޅުވިގޮތުގައި ޕޮޒިޓިވް ކޭސްތަކުގެ ސާމްޕަލް ނެގީ މީގެ ދެ ދުވަސް ކުރިންނެވެ. އަދި ނަތީޖާ ލިބުނީ މިރޭ 19:00 ހާއިރުއެވެ. އަދި އެކުދިންނަކީ ސްކޫލަށް ދާ އުމުރުގެ ކުދިންކަމުން އެ ކުދިންނާ ގުޅިގެން ސްކޫލުގެ ކަންކަންވެސް މިހާރު ބަލަމުންދާކަމަށް އާތިފް ވިދާޅުވިއެވެ.

"ކޮންޓެކްޓް ޓްރޭސިން މިހާރު ދަނީ ކުރިޔަށް، ނޭނގެ އަދި އެހެން ބުނާކަށް ބަލި މި އައި ގޮތެއް މި ރަށަށް. މިފަހުން މާލެއިންވެސް މާ ގިނަ ބަޔަކު ދަތުރެއް ނުކުރޭ ރަށަށް،" އާތިފް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 2،500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މިލަންދޫއަކީ މިއަދު މޮނިޓަރިން ހާލަތަށް ގެނައި ދެވަނަ ރަށެވެ. މިއަދު ލ. އަތޮޅު މުންޑުއިންވެސް ކޭސްތަކެއް ފެނި އެރަށްވެސް ވަނީ މިއަދުގެ ފަހުގެ ވަގުތެއްގައި މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

comment ކޮމެންޓް