ނުރައްކާތެރި ބައެއް ފަރާތްތަކުން ރާއްޖެއަށް އުދުވާނީ ހަމަލާތައް އަމާޒުކުރޭ: ޝަމާލް

އެމްއެންޑީއެފްގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވާހަކަދައްކަވަނީ ---

އަދުގެ ދުނިޔެ އާއި ރާއްޖެ އޮތް ސަރަހައްދުގެ ސަލާމަތީ ވެއްޓަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދުވަސްވަރު ރާއްޖެއާ ދިމާލަށް ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލާތަކެއް އަމާޒު ކުރަމުން އެބަ ގެންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ނެރެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ސަލާމަތީ މަޝްރަހު ކިލަނބުވެފައިވާ މި ދުވަސްވަރު ހައިބްރިޑް ތްރެޓް ތަކާއި ތަފާތު ގޮންޖެހުންތަކާ ދަނީ ކުރިމަތި ކުރުވަމުން ކަމަށެވެ.

އޭނާ ވިދާޅުވީ މިކަންކަމާ ކުރިމަތި ލުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލު ކަމާއި އޮޕަރޭޝަލް ކެޕޭސިޓީ އިތުރުކޮށް، ނިޒާމްތައް ހަރުދަނާކޮށް، އާލާތްތައް ގިނަކޮށް ވަސީލަތްތައް ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ގެންދާ ކަމަށެވެ.

"އަދުގެ ދުނިޔެއާއި ރާއްޖެ އޮތް ސަރަހައްދުގެ ސަލާމަތީ ވެއްޓަށްވެސް ބޮޑެތި ބަދަލްތަކެއް ދަނީ އަންނަމުން. ތަފާތު ގޮންޖެހުންތަކާ ދަނީ ކުރިމަތި ކުރުވަމުން. ސަލާމަތީ މަޝްރަހު ކިލަނބުވެފައިވާ މި ދުވަސްވަރު ހައިބްރިޑް ތްރެޓް ތަކާއި އެކިއެކި ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލާތައްވެސް ރާއްޖެއާއި ދިމާލަށް އަމާޒު ކުރަމުން ގެންދޭ،" ޝަމާލް ވިދާޅުވިއެވެ.

އަސާސީ ތަމްރީނުކުރި ސިފައިންނާއި މުޚާތަބު ކުރައްވައި އޭނާ ވިދާޅުވީ އަސާސީ ތަމްރީނުގެ މަރުހަލާއަކީ ސިފަވަންތަ އަސްކަރީ ފަހުލަވާނަކަށް ބަދަލު ވެގެންދާ މަރުހަލާ ކަމަށެވެ. މީގެ އިތުރުން މި ލޮބުވެތި ވަތަން ދިފާއުކޮށް ދެމެހެއްޓުމަށް ބޭނުންވާ ގާބިލްކަން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ލިއްބައިދޭ މަރުހަލާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ދުނިޔެއާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި، ސިފައިން ގުޅިގެންދާއިރު އެންމެބޮޑު އިސްކަމަކަށް ވާންވާނީ އަސްކަރީ އަޚްލާގާއި އެންމެ މަތީ ފެންވަރުގެ ހުނަރުވެރިކަން ދެމެހެއްޓުން ކަމަށެވެ.

"ސިފައިންގެ މީހަކަށް ވަނީ ދެވޭ މުހިއްމު ތަމްރީނު ތަކެއްގެ ސަބަބުން. ސިފައިންގެ ޒިންމާއަކަށް ވާންވާނީ ރައްޔިތުން ޚިޔާރު ކޮށްފައިވާ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ ދިވެހި ރައްޔިތުން ހިމާޔަތް ކުރުން. ދިވެހި ދައުލަތުގެ ކީރިތި ކަމާއި މޫރިތިކަން ދަމަހައްޓާ ޝާނާއި ޝައުކަތު ނެގެހެއްޓުން،" ޝަމާލް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ކޮވިޑްގެ ހާލަތުގައިވެސް ސިފައިންގެ ތަމްރީނުތައް މެދުކަނޑާ ނުލާ ހަލުއި ސްޕީޑެއްގައު ކުރިއަށް ގެންދެވި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައިވެސް ސިފައިން ހަދާ ތަމްރީނުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވި ކަމަށް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ދިވެހި އަސްކަރިއްޔާ އަކީ ބަދަލުވަމުން މި އަންނަ މާހައުލަށް ކުރިމަތިލާން ތައްޔާރަށް އޮތް އަސްކަރިއްޔާ އަކަށް ހެދުމަށްޓަކައި ގިނަ މަސައްްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

comment ކޮމެންޓް