މެދުޒިޔާރަތަށް ގެއްލުން ލިބޭތީ ގޯތިތެރޭގައި ހުރި ބިޔަ ގަސް ކަނޑާލަނީ

މެދުޒިޔާތުގެ ގޯތިތެރޭގައި ހުރި ގަސް --- ސަން ފޮޓޯ

މެދުޒިޔާރަތަށް ގެއްލުންތަކެއް ލިބޭތީ އެތަނުގެ ގޯތިތެރޭގައި ހެދިފައިހުރި ބިޔަ ގަސް ކަނޑާލަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެޓިވް ޑިރެކްޓަރު، މުހައްމަދު ނާޒިމް، (ބައުންޓި) "ސަން"އަށް ވިދާޅުވީ ގަހުގެ މޫތައް ގޯތިތެރެއަށް ފެތުރިފައިވާތީ މެދުޒިޔާރަތަށް ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށާއި އެހެންކަމުން އެތަން ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ގޮތުން އެ ގަސް ކަނޑާލުން ނޫން އިތުރު އެހެން ގޮތެއް ނެތް ކަމަށެވެ.

"އަސްލުގަ ބޭނުމެއް ނޫން ގަސް ނަގާކަށް. ގަސް ނެގުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. ނަމަވެސް 110 އަހަރުވެފަހުރި މި ފާރާ އަދި މި މުހިއްމު ބިނާ މި ދަނީ އެ ގަހުގެ ސަބަބުން ހަލާކުވަމުން. އެހެންވީމަ އަޅުގަނޑުމެންނަށް މަޖުބޫރު މިވަނީ ގަސް މިތަނުން ނަގަން. ނަގަން ބަލާއިރު ގަސް މިހުރި ގޮތަށް ބަހައްޓައިގެން ނެގޭކަށްނެތް. މި ޖެހޭނީ ގަސް ބުރިބުރި ކޮށްގެން ނަގަން،" ނާޒިމް ވިދާޅުވިއެވެ.

މެދުޒިޔާތުގެ ގޯތިތެރޭގައި ހުރި ގަހުގެ މޫތައް ފެތުރިފައި --- ސަން ފޮޓޯ

ނާޒިމް ވިދާޅުވީ އީޕީއޭގެ ލަފާގެ މަތީން، ކަނޑާލާ ގަހުގެ ބަދަލުގައި އިތުރު ގަސްތަކެއް އިންދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

މާލޭ މެދުޒިޔާރަތަކީ ރާއްޖެއަށް އިސްލާމް ދީނުގެ އަލިކަން ގެނެސްދެއްވި އައްޝައިޚް އަބުލްބަރަކާތު ޔޫސުފް ބަރުބަރީ ފަސްދާނު ލެވިފައިވާ ތަނެވެ.

ރާއްޖެއަށް އިސްލާމްދީން ތައާރަފް ވީ މީލާދީން 1153 ވަނަ އަހަރުއެވެ. މެދުޒިޔާރަތް، މި ނަން އެ ޒިޔާރަތަށް ކިޔުނީ އިހުގައި މާލޭގެ ބޮޑު މިނުގެ ނިސްބަތުން ޒިޔާރަތްހުރީ ރަށުގެ މެދުގައި ކަމަށްވެފައި އެ ޒިޔާރަތަކީ އެހެން ޒިޔާރަތް ތަކަށްވުރެ ޚާއްސަ ޒިޔާރަތަކަށް ވީތީއެވެ.

މެދުޒިޔާތުގެ ގޯތިތެރޭގައި ހުރި ގަހުގެ މޫތައް ފެތުރިފައި --- ސަން ފޮޓޯ

މެދުޒިޔާރަތަކީ ރާއްޖޭގެ ރައްްޔިތުން އެންމެ ގިނަ އަދަދަކަށް ނަދުރުބުނަމުން ގެންދިޔަ ޒިޔާރަތެއްވެ.

ނަމަވެސް މިފަދަ ތަންތަނަށް ނަދުރު ބުނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމަށް ނުވާތީ 1957 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މިކަން ވަނީ ސަރުކާރުން މަނާކޮށްފައެވެ.

މެދުޒިޔާރަތުގެ ގޯތިތެރޭގައި، 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަލްސުލްތާނު ސައްޔިދު މުހައްމަދު ޝަމްސުއްދީން، ރަސްގެފާނުގެ މަންމާފުޅުގެ މަހާނަފުޅުވެސް އެބަހުއްޓެވެ. މި ރަދުންނަށް ދިވެހިން ނިސްބަތްކުރާ ނަންފުޅަކީ ސައްޔިދު ރަސްގެފާނެއެވެ. މި ރަދުންނަކީ އަރަބި ކަރައިގެ ބޭފުޅުކެވެ.

comment ކޮމެންޓް