ގައުމީ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)އަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ޕްރެޝަރެއް ނޯންނާނެ ކަމަށާއި، އެ މުބާރާތުގައި އޭނާ ފެންނާނީ އެންމެ ފިޓުކޮށް ކަމަށް ގައުމީ ޓީމުގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރި އަލީ ސުޒެއިން ބުނެފިއެވެ.
ގައުމީ ޓީމުގެ އާ މެނޭޖްމެންޓުން މިއަދު މީޑިއާއާ ބައްދަލުކޮށް ގައުމީ ސްކޮޑަށް ގެނައި ބަދަލުތަކާއި، ކުރިއަށް އޮތް ޓްރެއިނިންގް ކޭމްޕާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ވަނީ ހިއްސާ ކޮށްފައެވެ. އެ ބައްދަވުމުގައި ވާހަކަ ދައްކަމުން ޓީމާއި މިވަގުތު ހަވާލުވެ ހުރި ސުޒެއިން ބުނީ ދަގަނޑޭގެ ފަހު ސާފް ޗެމްޕިއަންޝިޕަށް މިފަހަރުގެ މުބާރާތް ވުމަކީ އޭނާއަށް އެއްވެސް ޕްރެޝަރެއް އޮތް ކަމެއް ނޫން ކަމަށެވެ.
"ފަހު މުބާރާތަށް ވެގެން އަޝްފާގަށް މާބޮޑު ޕްރެޝަރެއް ނަގަން ޖެހޭ ސަބަބެއް ނެތް. އަޝްފާގު އެހިސާބަށް ދާން [ފީފާ ސެންޗަރީ ކުލަބްގައި ހިމެނެން] ބައިވަރު ވަގުތު އެބައޮތް. އަޅުގަނޑުމެން ރާއްޖޭގެ ފުޓުބޯޅައަށް ލޯބި ކުރާ އެންމެން ބޭނުންވާނެ ހާއްސަކޮށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ސެންޗަރީ ކުލަބުގައި ހިމެނެން،" ސުޒައިން ބުންޏެވެ.
ރާއްޖޭގައި މިހާތަނަށް ބައިނަލް އަގުވާމީ 100 މެޗު ގައުމީ ޓީމަށް ކުޅެދީގެން ފީފާ ސެންޗަރީ ކުލަބުގައި ހިމެނިފައިވަނީ ކުރީގެ އެއް ނަންބަރު ގޯލު ކީޕަރު މުހައްމަދު އިމްރާން އެކަންޏެވެ. އިމްރާނާއި ދެން މިވަގުތު އެންމެ ގާތުގައި އޮތް އަޝްފާގު މިހާތަނަށް ކުޅެފައިވަނީ 81 ގައުމީ މެޗެވެ. މިހާތަނަށް 53 ގޯލު ގައުމީ ޓީމަށް ޖަހައިދީފައިވާ އަޝްފާގު ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރުއެވެ.
އަޝްފާގު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަނިކޮށް އޭނާއަށް ގައުމީ ޓީމުން ޖާގަ ގެއްލެން ފެށީ 2017 ވަނަ އަހަރު ޕީޓާ ސެގާޓްގެ ކޯޗުކަމުގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން އަނބުރާ އަޝްފާގު ގައުމީ ޓީމަށް ނެގި ފަހުން ވޯލްޑް ކަޕް ކޮލިފައިންގްގެ ބައެއް މެޗުތަކުން ވަނީ ޖާގަ ދީފައެވެ.
"އަޝްފާގު ބައިވަރު މެޗުތައް ކުޅެގެން ފީފާ ސެންޗަރީ ކުލަބަށް ދެވޭނެ. އެ މަރުހަލާގެ އެއްޗެއް ސާފު ޗެމްޕިއަންޝިޕަކީ. އިރާދަ ކުރެއްވިއްޔާ އަޝްފާގު އެންމެ ރަނގަޅަށް ފިޓްވާނީ މި ސާފް ޗެމްޕިއަންޝިޕަށް،" ސުޒައިން ބުންޏެވެ.
މިދިޔަ ސީޒަނުގައި ކުލަބް ވެލެންސިއާގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަޝްފާގު 35 ވަނީ މިފަހުން ކުޅުނު އޭއެފްސީ މުބާރާތުގައި އީގަލްސްގެ ސްކޮޑުގައި ހިމެނިފަ އެވެ. އެހެން ނަމަވެސް އޭއެފްސީގެ ޕްލޭ އޮފް މެޗުގައި އަނިޔާގެ ސަބަބުން އަޝްފާގު ކުޅެފައެއް ނުވެއެވެ.