ހިހޫ ތަނުން ކާލާ އުސޫލެއް އަޅުގަނޑުގެ ނޯންނާނެ: ޝިދާތާ

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ---ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިޔާސީ މައިދާނުގައި ހިހޫ ތަނުން ކެއުމުގެ އުސޫލަކީ އޭނާ ގެންގުޅޭނެ އުސޫލެއް ނޫންކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއާ ގުޅިވަޑައިގަތުމަށްފަހު ޝިދާތާ އޭނާގެ ސިޔާސީ މަސައްކަތާ ގުޅޭ ގޮތުން "ސަން" އަށް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ވާސިލުވުމަށް ޓަކައި އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެފަދަ މަގާމެއް ހޯދާނީ އޭނާ އަމިއްލައަށް މަސައްކަތްކޮށްގެން ކަމަށް ވިދާޅުވިއެވެ.

"ކޮންމެހެން މާ ކުރިން އުފެދިފައި އޮތް އެއްޗަކުން ހިހޫ ތަނުން ކާލާ އުސޫލެއް އަޅުގަނޑުގެ ނޯންނާނެ. އިރާދަކުރެއްްވިއްޔާ އަލަށް އުފެދޭ އެއްޗަކުން ކުރެވޭ މަސައްކަތުން އަޅުގަނޑު ކުރިއަށް ދާނީ،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ އޭނާ ގުޅިވަޑައިގަތީ އެ ޕާޓީގެ ލީޑާޝިޕްގެ ފަރާތުން އޭނާއަށް އެ ފުރުސަތު ހުށަހެޅުމުން ކަމަށެވެ.

އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި މިވަގުތު ރާއްޖޭގައި ސިޔާސީ ގޮތުން މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް އޮތީ އެމްއެންޕީގައި ކަމަށް ޝިދާތާ ވިދާޅުވިއެވެ.

https://sun.mv/156004

"މިހާރު ހުރި ސިޔާސީ ޕާޓީތަކަކީ އަޅުގަނޑުވެސް ހަމަ ވަރަށް ގާތުން މަސައްކަތްކޮށްފައި ހުރި ޕާޓީތައް. އެހެންވީމާ މިވަގުތު ރާއްޖޭގައި ސިޔާސީ މަޝްރަހުގައި ކަންކަން ހުރި ގޮތުން ތަފާތު އަލަށް އުފެދޭ އެއްޗެއްގެ ތެރޭގައި ތަންކޮޅެއް ރަނގަޅަށް އެ މޯލްޑު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ މައިގަނޑު ގޮތެއްގައި އޭނާ ކުރިއަށް އޮތް ތަނުގައިވެސް ކުރައްވާނީ ސިޔާސީ މަސައްކަތް ކަމަށެވެ.

އޭނާ އަދާލަތު ޕާޓީން ވަކިވީ ސީދާ އެމްއެންޕީ އާ ގުޅުމުގެ ބޭނުމުގައި ނޫން ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

"ވަކިވާން ނިންމާފައި އަޅުގަނޑު ބެލީ އަޅުގަނޑު މަސައްކަތް ކުރަން އެންމެ އައިޑީލް އޮޕްޝަނަކީ ކޮބައިކަން. އަދާލަތު ޕާޓީ އާއި އަޅުގަނޑާ ދެމެދު އެއްވެސް މައްސަލައެއް އޮވެގެންނެއް ނޫން،" ޝިދާތާ ވިދާޅުވިއެވެ.

އެނާ އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީގެ ސިޔާސަތުތަކާ އޭނާ ދެކޮޅެއްވެސް ނޫންކަމަށެވެ. ނަމަވެސް ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދިން ފަހުން އޭނާ ހުންނަވަން ޖެހިވަޑައިގަތީ "ވަރަށް ސައިލެންޓުކޮށް" ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ އެމްއެންޕީއާ ގުޅުނީ އާ ހިތްވަރަކާއެކު އަލުން އޭނާގެ އަޑު ސިޔާސީ މައިދާނުގައި އިއްވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ މަސައްކަތުގައި ދެމި ހުންނަވާނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް