އެމްއެންޕީގެ މަތިއުތުރު ރީޖަންގެ ނައިބު ރައީސަކަށް ޝިދާތާ ހޮވިވަޑައިގެންފި

އެމްއެންޕީގެ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް -- ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަތި އުތުރު ރީޖަންގެ ނައިބު ރައީސްކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދި އެ ޕާޓީގެ އަންހެނުންގެ ވިންގުގެ ލީޑަރަކަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންތިހާބުވެއްޖެއެވެ.

އެ މަގާމުތަކަށް އެ ބޭފުޅުން ކަނޑައެޅީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެހުންނަވައި އުފެއްދެވި ޕާޓީގެ އެގްޒެކްޓިވް ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައެވެ.

މިއަދުގެ ބައްދަލުވުމުގައި މަތި އުތުރު ރީޖަންގެ ނައިބު ރައީސާއި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ނާއިބު ރައީސާއި އަންހެނުންގެ ވިންގްގެ ލީޑަރާއި ޒުވާނުންގެ ވިންގްގެ ލީޑަރު އިންތިހާބު ކުރުމަށް ވޯޓުލިއެވެ.

މީގެ އިތުރުން، އެ ޕާޓީގެ ކައުންސިލްގެ މެންބަރު ކަމަށް 14 ބޭފުޅަކާއި ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މީހުން އިންތިހާބުކުރިއެވެ.

މަތި އުތުރު ރީޖަންގެ ނާއިބު ރައީސްކަމުގެ މަގާމު ޝިދާތާ ކާމިޔާބު ކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި އަހުމަދު އަނޫޝް އާއި އާއި މުހައްމަދު ސައީދާ ވާދަކޮށެވެ. ޖުމުލަ 276 މީހުން ވޯޓުލިއިރު، ޝިދާތާ 137 ވޯޓު ކާމިޔާބު ކުރެއްވިއެވެ. އަދި ޖުމްހޫރީ ޕާޓީން ވަކިވެ އެމްއެންޕީއާ ގުޅުނު އަނޫޝަށް ލިބުނީ 118 ވޯޓެވެ. އަދި ސައީދަށް ލިބުނީ 21 ވޯޓެވެ.

އެމްއެންޕީގެ އަންހެނުން ގޮފީގެ ލީޑަރަކަށް ހޮވިވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން -- ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

އެމްއެމްޕީގެ އަންހެނުން ވިންގުގެ ލީޑަރަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އެ މަގާމަށް ދުންޔާ އެ މަގާމަށް އިންތިހާބުވީ 207 މީހުންގެ ވޯޓުންނެވެ. ދެން މަގާމަށް ވާދަކުރި އައިޝަތު އަބްދުﷲ އަށް 43 ވޯޓު ލިބުނެވެ. އަދި އައިޝަތު ހުސެއިން މަނިކަށް ލިބުނީ 11 ވޯޓެވެ.

އެމްއެންޕީގައި ހަ ނައިބު ރައީސުން ތިއްބަވާނެ!

އެމްއެންޕީގައި ހަ ނައިބު ރައީސުން ތިއްބަވާނެއެވެ. އެހެން ނަމަވެސް އެ މަގާމަށް ވާދަކުރައްވާނެ އިތުރު ބޭފުޅަކު ނެތުމުން، އިންތިހާބަކާ ނުލައި ހަތަރު ބޭފުޅަކު މިހާރު ވަނީ އިންތިހާބު ވެފައެވެ.

އެގޮތުން، އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހޮވުނީ ހުސައިން އިސްމާއިލެވެ. އަދި މެދު ރީޖަންގެ ނާއިބު ރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އިންތިހާބުވީއިރު، މެދު ދެކުނު ރީޖަންގެ ނާއިބު ރައީސަކަށް ހޮވުނީ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ދެކުނު ރީޖަނަށް ހޮވުނީ ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފެވެ.

އެމްއެންޕީގެ މެދު ރީޖަންގެ ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވިި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އިތުރު މަގާމުތައް:

އެމްއެންޕީގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ރައީސް ކަމަށް ހޮވުނީ މިރުފަތު އިސްމާއިލް ޝަފީގެވެ. އަދި ޒުވާނުންގެ ވިންގު ލީޑަރު ކަމަށް ހޮވުނީ އުމެއިރު އަހްމަދެވެ.

ކައުންސިލްގެ 14 މެމްބަރުގެ ގޮނޑި އަށް:

  • އަސްރާ އަހްމަދު
  • މުހައްމަދު މަނިކު
  • މުހައްމަދު ހާނިމް
  • ހުސެއިން ފަޔާޒް
  • އިބްރާހިމް ޝަބާހު
  • އަހްމަދު ރިޔާޒް
  • އަހަމްދު ސާލިމް ސައީދު
  • މުހައްމަދު ނިޒާމް
  • އަހްމަދު އަމްޖަދު
  • އިބްރާހިމް މުހައްމަދު
  • އަބްދުﷲ ޝުހޫދު
  • އަޝްރަފު މުހައްމަދު އަލީ
  • އަލީ އަބްދުލް ލަތީފް

ކައުންސިލްގެ އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑި

  • އައިމިނަތު ޝާއިދާ
  • އިފާ ޝަރީފް
  • އައިމަނަތު އަޒީމާ
  • އައިޝަތު ޝައްމާ
  • ސިޔާމާ އަލީ
  • ފާތިމަތު ނާޒީން
  • ފާތިމަތު ރިފާއު

އެމްއެންޕީގެ އިންތިގާލީ ކައުންސިލަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ހަމަވިއިރު ވެސް އެ ޕާޓީގެ ރައީސަކަށް ނާޒިމް ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވައެވެ. އެހެން ކަމުން، އެ ޕާޓީގެ ވަގުތީ ރައީސަކަށް އޭނާ ވަނީ އިންތިހާބަކާ ނުލައި ހޮވިވަޑައިގެންފައެވެ.

comment ކޮމެންޓް