ޝިދާތާ އެމްއެންޕީއާ ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބުނު އިތުރު ކުރިއެރުމެއް: ނާޒިމް

ޝިދާތާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރެއްވުން -- ފޮޓޯ/ އެމްއެންޕީ

އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި މީގެކުރިން ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއާ ޝިދާތާ ގުޅިވަޑައިގެންނެވިކަން ޔަގީންކޮށްދެއްވަމުން ނާޒިިމް ވިދާޅުވީ ޝިދާތާއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ފުންނާބު އުސް ކަނބަލެއްކަމަަށެވެ.

"ޕާޓީއަަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އަޅުގަނޑު މިކަން ދެކެނީ. އެންމެ ހީވަގިކަމާއެކު ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތްކުރެއްވި ކަނބަލެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ،" ނާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ ޝިދާތާ ޕާޓީއާ ގުޅިވަޑައިގަތުމާއެކު ޕާޓީއާމެދު ރައްޔިތުންގެ ވިސްނުން ބަދަލުވެގެން ދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

އެގޮތުން އެ ޕާޓީއަކީ ކަނބަލުންނަަށާއި ޒުވާނުންނަށް އިސްކަން ދޭ ޕާޓީއެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރެވުމުން އަންނަ ކަމަށެވެ.

"މިއަދުވެސް 1،800 އަށްވުރެ ގިނަ މީހުން ވަނީ މި ޕާޓީއާ ގުޅިވަޑައިގެންފައި. ވަރަށް ގިނަ އަދަދަކަށް ފޯމް ލިބިފައިވަނީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާތަނަށް 4،000 އަށްވުރެ ގިނަ ފޯމު ލިބިފައިވާކަމަށެވެ. އަދި އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިދާތާ އަދާލަތުން ޕާޓީން ވަކިވެވަޑައިގެންނެވީ އާދިއްތަ ދުވަހެވެ. ނަމަވެސް ޕާޓީން ވަކިވެވަޑައިގެންނެވީ އެ ޕާޓީ އާ މެދު އެއްވެސް ހިތްބުރަ ކަމެއް އޮވެގެން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް