މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އާ ތަރުޖަމާނަކަށް އެ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ޖެންންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އައްޔަނުކޮށްފިއެވެ.
ޝިދާތާ އެ ޕާޓީގެ ތަރުޖަމާނަކަށް ހަމަޖެއްސީ ކުރިން އެ މާގާމުގައި ހުރި އަސްރާ އަޙުމަދު އިސްތިއުފާދެއްވުމުންނެވެ.
އަސްރާ އެމްއެންޕީގެ ތަރުޖަމާނުކަމުން އިސްތިއުފާ ދެއްވީ އިތުރަށް ތައުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭތީކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްއެންޕީއިން ބުނީ ރިޔާސީ އިންތިޚާބު ގާތްވެފައިވާ އިރު ޝިދާތާފަދަ ތަޖުރިބާހުރި އަންހެން ބޭކަނބަލަކު ޕާޓީގެ ބަސްބުނުމަށް އައްޔަންކުރުން ވެގެންދާނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އަދި ޝައުޤުވެރިވާނެ ނިންމުމަކަށްކަމަށެވެ.
އެ ޕާޓީގެ ތަރުޖަމާނުކަމުގެ މައްސޫލިއްޔަތު ޝިދާތާއާ ހަވާލުކުރުމަށްފަހު އެ ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ޤައުމީ ފިކުރެއްގެ ގޮތުގައި ކަމަށާއި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ، ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެ ޕާޓީން ގިރާކޮށްފިކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އާ ސްޕޯކްސްޕާސަން ޝިދާތާގެ ހިއްސާ ބޮޑު،" އޭނާ ވިދާޅުވިއެވެ.
ސްޕޯކްސް ޕާސަން ކަމަށް އައްޔަން ކުރުމާ ގުޅިގެން ޝިދާތާ ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ގޮތުން ނެގި ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި އެ ޕާޓީ ފަތާފައިވާ ކަމަށާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައިވެސް ޤާނޫނު ނަގަހައްޓައި ރައްޔިތުންގެ ހައްޤުގައި އެ ޕާޓީން އަޑު އުފުލާފައިވާ ކަމަށެވެ.
މީގެ އިތުރުން މިހާރު ވެސް އެ ޕާޓީން ކުރިއަށް ފިޔަވަޅު އަޅަމުން ދަނީ އެ ތަޖުރިބާތަކުގެ އަލީގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.