ލ. ގަމުގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ލ.ގަމުގެ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުން -- ފޮޓޯ/އެމްޓީސީސީ

ލ. ގަމުގެ ބަނދަރު ހެދުމުގެ މަސައްކަތް މިއަދު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ 24.7 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އަދި އެއް އަހަރު ތެރޭ ޑިޒައިންކޮށް، ބަނދަރު ހެދުމުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެވެ.

އެ މަޝްރޫއުގެ ދަށުން 25،791 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް، 4،317 ކިއުބިކް މީޓަރަށް ނެރު ފުން ކުރަން ހަމަޖެހިފައިވެއެވެ. އަދި 310 މީޓަރުގެ އެއްގަމު ތޮށި ޖަހާ، 24 މަގު ބައްތި ހަރު ކުރާނެއެވެ.

މީގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮއްޓަށް އެރުމަށް ބްރިޖެއް އަޅާ، 360 މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓާ ޖަހާނެއެވެ. އަދި 62 މޫރިން ރިންގާއި 20 މޫރިން ބޮއި ހަރުކޮށް، ބޮޑު ހިލަ ބޭނުންކޮށްގެން 128 މީޓަރު ދިގު ބޭރު ތޮއްޓެއް ޖަހާނެއެވެ.

އެ އެއްބަސްވުމުގެ އިތުރުން، ޕްލޭނިން މިނިސްޓްރީން ވަނީ ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތްވެސް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ.

comment ކޮމެންޓް