އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަންކުރުމަށް މުހައްމަދު އާސިފްގެ ނަން މަޖިލީހަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އީސީގެ މެމްބަރުގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްލަ ފަސް ނަމެއް ފޮނުވާފައެވެ. އެ ނަންތައް ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
އީސީގެ މެންބަރުކަމަށް ރައީސް ފޮނުވި ނަންތައް:
- މުހައްމަދު އާސިފް، ހ .އިރުވައި
- ޝަހުލާ އިސްމާއީލް، ޅ. ހިންނަވަރު
- އަޒްލީމާ އަހުމަދު، ދަފްތަރު 341/94
- އަހުމަދު މަންސޫރު، ވ. ރިވެތި
- މަރިޔަމް ހަނީފާ ހާލިދް، އަނބުގަސްދޮށުގެ، ހއ.ކެލާ
މިއަދު އޮތް މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ވަނީ އެ ނަންތައް ދިރާސާކޮށް، ނަން މަޖިލީހަށް ފޮނުވުމަށް ރުހުން ހޯދަން ވޯޓަށް އަހާފައެވެ.
އެގޮތުން ނެގި ވޯޓުން، ކޮމިޓީގައި ހާޒިރުވެ ތިބި 11 މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ އަގުލަބިއްޔަތުން އާސިފްގެ ނަން މަޖިލީހަށް ފޮނުވުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ދެން ތިބި މެންބަރުންގެ ނަން މަޖިލީހަށް ފޮނުވޭވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި، އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
މީގެ އިތުރުން މެމްބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
އޭގެ އިތުރުން އީސީގެ މެމްބަރު ކަަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެ ކަމަށް މަގާމުގެ ޝަރުތުތަކުގައި ހިމަނާފައިވެއެވެ.